ދިވެހިންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އަޚްވަންތަކަމުގެ ގުޅުމަށް ބުރޫއަރާ ފަދަ އަދި ގައުމުގެ މަޞްލަޙަތު ގެއްލޭ ފަދަ ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނު ދެއްވި ހިޠާބުގައި ވިދާޅުވެފައި ވަނީ ސުނާމީގެ ކާރިސާ އިން ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން، އެންމެންގެ ހިތްމައްޗަށް ގެނެސް، އެ ހާދިސާ އިން މިއަދު ވެސް ޢިބްރަތް ހާސިލު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ ވެސް މީގެ 11 އަހަރު ކުރިން 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެ އަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްކި އެކުވެރިކަމާއި އަޚްވަންތަކަމާއި، ގައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށް ޓަކައި ކަމުގައި ވިދާޅުވި އެވެ.

ހަމައެއާ އެކު މިއަދު ވެސް އެދުވަސް ސިފަވަމުން ދަނީ ހިތާމައިގެ އަސަރުގަދަ ޝުޢޫރުތަކާ އެކުގައި ނަމަވެސް، އަމިއްލަ ނަފްސުގެ މައްޗަށް ތިމާގެ ގައުމާއި މުޖްތަމަޢުގެ ސަލާމަތްތެރިކަން އިސްކުރި ކުރުމަކީ، ސުނާމީ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ މުހިންމު ފިލާވަޅު ކަމަށް ރައީސްގެ ހިޠާބުގައި ވިދާޅުވި އެވެ.

"އެހެންކަމުން، އެދުވަހު ދިވެހި ރައްޔިތުން ދައްކަވައިދެއްވި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން، އަޅުގަނޑުމެން އެންމެންގެ ހިތްމައްޗަށް ގެނެސް، އެ ހާދިސާއިން މިއަދު ވެސް ޢިބްރަތް ހާސިލު ކުރެއްވުމަށް އަޅުގަނޑު ގޮވާލަމެވެ. އަދި އަޅުގަނޑުމެންގެ މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އަޚްވަންތަކަމުގެ ގުޅުމަށް ބުރޫއަރާފަދަ އަދި ޤައުމުގެ މަޞްލަޙަތު ގެއްލޭ ފަދަ ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދެއްވުމަށް ވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ވިދާޅުވެފައިވެ އެވެ.

ސުނާމީ އަށް މިއަދު 11 އަހަރު ފުރިގެން ދާއިރު، ގެދޮރު ގެއްލި ހާލުގައި ޖެހުނު ދިވެހިންނަށް މިހާރު ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި 230000 މީހުން ދުނިޔޭގެ އެކި ހިސާބުތަކުން މަރުވެފައިވެ އެވެ. ރާއްޖެ އިން 82 މީހުން މަރުވެ 26 މީހުން ވަނީ ގެއްލިފަ އެވެ.