އިންޑިއާކަނޑަށް 2004 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީ އަރައި އެކި ގައުމުތަކުން މަރުވެ ދިޔަ މީހުންގެ ހަނދާން އާކޮށް އެކި ގައުމުތަކުން ސުނާމީއަށް 11 އަހަރުފުރުން ފާހަގަކޮށްފި އެވެ.

ސުނާމީއަށް 11 އަހަރު ފުރުން ސްރީލަންކާގައި

ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި ގައުމުތަކުގެ ތެރޭގައި ސްރީލަންކާ ހިމެނެ އެވެ. އެގައުމުން އަކަނިވެސް 40،000 މީހުން ވަނީ އެކާރިސާގައި މަރުވެފަ އެވެ. ކާރިސާގައި މަރުވި މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ ހަނދާނުގައި އެގައުމުގެ މީޓިރިއޮލޮޖީއިން އިންތިޒާމުކޮށްގެން ވަނީ ތިން މިނިޓުގެ ސުކޫތެއް ފާހަގަކޮށްފަ އެވެ.

ސުނާމީ އިނޑޮނޭޝިއާގެ އަވަށެއް ހަލާކުވެފައި --

މިއަދު ހެނދުނު 9:25 އިން ފެށިގެން 9:27 ހަށް ހަމަ ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފަ އެވެ. އޭގެ އިތުރުން ވެސް ސުނާމީގައި ގެއްލުންވި އާއިލާތަކަށާއި މެމްބަރުން ގެއްލިފައިވާ އާއިލާތަކަށް ހާއްސަކޮށްގެން ދީނީ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ސްރީ ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިންޑިއާގައި ސުނާމީ އެރި ދުވަސް ފާހަގަކުރުން

އިންޑިއާ ކަނޑަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެރި ސުނާމީގައި އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ ޗެންނާއީ އަދި ތަމަލް ނާޑޫ އަވަށަށެވެ. އެ ދެއަވަށަކީ ވެސް މަސްވެރި ކަމަށް ބަރޯސާވެފައިވާ ދެ އަވަށަށްވާ އިރު އެސަރަހައްދުގެ ގިނަ މަސްވެރިން ވަނީ އެކާރިސާގައި ގެއްލިފަ އެވެ.

ހަމައެކަނި ތަމަލް ނާޑޫ އިން ވެސް ވީނުވީއެއް ނޭނގި ގެއްލުނު މީހުންނާއި މަރުވި މީހުންނާ އެކު ޖުމްލަ 6680 އަށް ޖުމްލަ އަރަ އެވެ. އެމީހުންގެ ހަނދާނުގައި ޗެއްނާއީ އަދި ތަމަލް ނާޑޫ އިން މިއަދު ވަނީ ހަމަހިމޭން ކަމުގެ ސުކޫތެއް ފާހަގަކޮށްފަ އެވެ. އަދި މޫދަށް ގެއްލިގެން ދިޔަ މަސްވެރިންގެ ހަނދާނުގައި މާތަކެއް ވަނީ މޫދަށް ދޫކޮށްލާފަ އެވެ.

އެމީހުން ބުނަނީ އެއީ މަރުވެދިޔަ މީހުންނަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސުނާމީގެ އަސަރު ކުރި މީހުން އަދިވެސް ތިބެނީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.

ސުނާމީގެ ހަނދާންތައް ތައިލެންޑުގައި ވެސް އާކޮށްފި

ސުނާމީގައި މަރުވެދިޔަ މީހުންގެ ހަނދާންތައް އާކޮށް ތައިލެންޑުގެ ފުކެޓްގައި ވެސް ވަނީ ހަރަކާތްތަކެއް ހިންގައިފަ އެވެ. އެގޮތުން ފުކެޓް ސިޓީ ހޯލްގައި ތަފާތު ދީނީ ހަރަކާތްތަކެއް ހިންގުމުގެ އިތުރުން ހޭލުންތެރި ކުރުމަށް ވެސް ވަނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ފުކެޓްގެ ޑޮލްފިން ޕާކުގައި ސުނާމީ ފަދަ ކާރިސާއަކުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ބޯޑުތައް ބަހައްޓައި ސުނާމީ ފަދަ ކާރިސާއެއްގައި އަމަލު ކުރެވިދާނެ ގޮތްތަކާ ބެހޭ މައުލޫމާތު ވަނީ ދީފަ އެވެ.

ސުނާމީގައި މަރުވި މީހުންގެ ހަނދާނުގައި ތައިލެންޑުގައި ހަރަކާތްތަކެއް ހިންގަނީ --

ދުވަހާ ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު ޕްރަޔޫތު ޗަނޯޗާގެ ހާއްސަ މެސެޖުގައި ވިދާޅުވެފައި ވަނީ ސުނާމީއަށް 11 އަހަރު ފުރޭ މިދުވަހު އެކާރިސާގައި ގެއްލުނު މީހުންނާއި މަރުވެދިޔަ މީހުންގެ ހަނދާން އާކުރަން ޖެހޭ ކަމަށެވެ.

"ސުނާމީ ފަދަ ގުދުރަތީ ކާރިސާތަކުން ސަލާމަތްވާން އަމިއްލަ ނަފްސު ތައްޔާރުކުރަން ޖެހޭ. އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ތައްޔާރުވެގެން ތިބެންޖެހޭ. ސުނާމީ ވޯނިންގް ސިސްޓަމްތައް ބަހައްޓަން ޖެހޭ،" ޕްރަޔޫތު ޗަނޯޗާ ވިދާޅުވި އެވެ.

ތައިލެންޑުގެ ސަރުކާރުން ވަނީ ސުނާމީގައި ގެއްލުންވި އާއިލާތަކަށް ހާއްސަކޮށްގެން ހާއްސަ ހަފްލާއެއްވެސް ބާއްވައިފަ އެވެ. އެ ހަފްލާގައި ބޮޑު ވަޒީރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެހީތެރިވި ގައުމުތަކަށް ޝުކުރިއްޔާ: އިންޑޮނޭޝިއާ

ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވީ އިންޑޮނޭޝިއާ އަށެވެ. އެގައުމުގެ ސުމަޓުރާ އަވަށުގެ ހުރިހާ އިމާރާތެއް ވަނީ އެއްކޮށް ބިމާހަމަވެފަ އެވެ.

އެދުވަހުގެ ކާރިސާ އިން އަރައިގަންނަން ގިނަ ގައުމުތަކެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް އިންޑޮނޭޝިއާގެ ނައިބު ރައީސް ޔޫސުފް ކައްލާ މިއަދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ކަންކޮޅަކުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް މިއަދު ޝުކުރު އަދާކުރުން ހައްގު ކަމަށެވެ.

ސުނާމީގައި މަރުވި މީހުންގެ ހަނދާނުގައި އިންޑޮނޭޝިއާގައި ހަރަކާތްތަކެއް ހިންގަނީ --

"މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހަމައެކަނި މަރުވެދިޔަ މީހުންގެ ހަނދާން އާކުރުމެެއް ނޫން. އެދުވަހު ލިބުނު ގެއްލުމުން އަރައިގަންނަން އެޙީތެރިވި ހުރިހާ ގައުމުތަކަށް ޝުކު އަދާކުރުން. ސުނާމީއިން ލިބުނު ފިލާވަޅުތަކުން އިބުރަތް ހާސިލްކޮށް އެންމެން އެކަތިގަނޑަކަށްވެގެން މިއަދު މަސައްކަތް ކުރަން ޖެހޭ. " ޔޫސުފް ކައްލާ ވިދާޅުވި އެވެ.