ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އާ އަހަރުގެ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

އޭނާ ރާއްޖެ އައިސްފައި ވަނީ އާއިލާއާ އެކު ކަމަށް ހަބަރުތައް ބުނެ އެވެ.

ދީޕިކާގެ ގާތް ފަރާތަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ދީޕިކާ ޗުއްޓީ ހޭދަ ކުރުމުން ދަނީ ނޫނު އަތޮޅުގެ ރިސޯޓެއްގަ އެވެ.

އާއިލާއާ އެކު ޗުއްޓީ ހޭދަ ކުރުމަށް ދީޕިކާ ވަނީ އެ ރިސޯޓުގެ އެއް ވިލާ އެއްކޮށް ބުކް ކޮށްފަ އެވެ.

އާ އަހަރުގެ ޗުއްޓީ ހޭދަ ކުރުމަށް ދީޕިކާގެ ލޯބިވެރިޔާ ރަންވީރް ސިންގް ވެސް ވަރަށް އަވަހަށް ރާއްޖެ އައުމަށް ވަނީ ނިންމައިފަ އެވެ.

އެގޮތުން އާއިލާ އެކު ޗުއްޓީ ހޭދަ ކުރުމަށް ފަހު، އެ ދެ ތަރިން އެކުގައި ޗުއްޓީ އަކަށް އެހެން ދިމާލަކަށް ދާން ވަނީ ނިންމައިފަ އެވެ.

ދީޕިކާ ވަނީ މިދިޔަ އަހަރު ވެސް މި ދުވަސްވަރާ ދިމާކޮށް ރާއްޖެ އައިސް ފަ އެވެ. އޭނާ މިދިޔަ އަހަރު ޗުއްޓީ ހޭދަ ކޮށްފައި ވަނީ ތާޖު އެގްޒޯސްޓިކާ ރިސޯޓްގަ އެވެ.

ދީޕިކާ އާއި ރަންވީރުގެ ޗުއްޓީ ރާއްޖޭގައި ހޭދަ ކުރުމަށް ނިންމާފައިވާ އިރު ވަރަށް ފަހުން ރިލީޒް ކުރި، އެ ދެތަރިން އެކުގައި ކުޅުނު ފިލްމު "ބާޖީ ރާއޯ މަސްތާނީ" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.