26 Dec 2015, 20:46
މިއަހަރަކީ ހޮލީވުޑްގެ ތާރީހުގައި ފިލްމުތަކުގެ ޕައިރެސީގެ މައްސަލަ އެންމެ ބޮޑުވި އަހަރު ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.
ހޮލީވުޑްގެ ބޮކްސް އޮފީހުގައި މިއަހަރު ވަނީ ގިނަ ރެކޯޑުތަކެއް މުގުރާލައިފަ އެވެ. އަދި ރެކޯޑުތަކެއް ވެސް ދަނީ މުގުރަމުންނެވެ. އެހެން ނަމަވެސް މިއަހަރު ވަނީ ބޮޑެތި ފިލްމުތަކެއް ޕައިރެޓްވެސް ކޮށްފަ އެވެ.
ބޮޑެތި ބަޖެޓުގެ އެހީގައި އުފައްދާފައިވާ ދެ ފިލްމް ކަމަށްވާ "ދަ ހޭޓްފުލް އެއިޓް" އާއި "ދަ ރެވެނެންޓް" އަކީ މި ހަފްތާގައި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ ދެ ފިލްމެވެ. ނަމަވެސް އެ ދެ ފިލްމު ވަނީ މީގެ ހަފްތާއެއް ކުރިން އޮންލައިންކޮށް ލީކް ކޮށްލާފަ އެވެ.
އެ ދެ ފިލްމަކީ މިއަހަރު ލީކުވީ ޕިލްމުތަކުުގެ ތެރެއިން އެންމެ ފަހުން ލީކްވި ދެ ފިލްމެވެ.
މިއަހަރުގެ ލީކް ކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ޑޭނިސް ގާލް" އާއި "ޖޯއި" އާއި "ސްޓީވް ޖޮބްސް" އާއި "ބްރިޖް އޮފް ސްޕައިސް" އާއި "ކްރީޑް"ގެ އިތުރުން "ކަންކަޝަން" ފަދަ ފިލްމުތައް ހިމެނެ އެވެ.
ލީކުކޮށްފައިވާ ފިލްމުތަކަކީ ރަނގަޅު ކޮލިޓިގެ ފިލްމުތަކެއެވެ. "ޑީވީޑީ ސްކްރީން" ފިލްމުގެ ނަމުގެ ފަހަތުގައި ޖެހިޔަސް އެ ލީކުވި ފިލްމުތަކަކީ ސްކްރީން ކޮޕީތަކެއް ނޫނެވެ. އެހެން ކަމުން ސިނަމާއެއްގެ ތެރޭގައި ކެމެރާއަކުން ނަގާފަ ހުރި މަންޒަރުތަކެއް އެ ފިލްމުތަކަކުން ނުފެންނާނެ އެވެ.
ޓޮރެންޓް ފްރީކް އިން ބުނާގޮތުގައި ހޭޓްފުލް އެއިޓް ވަނީ މިހާތަނަށް އައި އިރު އެއް މިލިއަން ފަހަރު ޑައުންލޯޑު ކޮށްފައި ކަމަށެވެ. އެގޮތުން އެފަދަ ޕައިރެސީގެ އަމަލު ހިންގުމުން ބޮކްސް އޮފީހުގައި ފިލްމަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.