26 Dec 2015, 12:36
ފުލުހުންގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހުރިތޯބަލައި ދެނެގަނެ އެކަންކަން ހައްލުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން 2015 އިން 2019 އަށް ކަނޑައަޅާފައިވާ ނޭޝަނަލް އިންޓަގްރިޓީ ޕްލޭނާ ގުޅޭ މަޢުލޫމާތު ފުލުހުންގެ މެނޭޖްމަންޓް ބޯޑާ ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ނޭޝަނަލް އިންޓަގްރިޓީ ޕްލޭންގައިވާ ގޮތަށް ފުލުހުން މުއައްސަސާގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި ފުލުހުންގެ ޕްރޮކިއުމެންޓް ދާއިރާގެ އިތުރުން ވަޒީފާއަށް މީހުން ވެއްދުމުގެ ދާއިރާއާއި މިފަދަ އިތުރު އެހެން ދާއިރާތަކުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ޓަކައި ކުރެވެމުން އަންނަ މަސައްކަތްތައް އެންޓި ކޮރަޕްޝަން ކޮމިޝަނާ ވަނީ ހިއްސާކޮށްފަ އެވެ.
ރައްޔިތުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކޮށް ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި މިހާރުން މިހާރަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ސީޕީ ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން އަޅަން ފެންނަ ފިޔަވަޅުތައް ކަނޑައަޅައި އެކަންކަމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކޮމިޓީއެއް އެކުލަވާލައި ފުލުހުންގެ މުއައްސަސާގައި ހަދާފައި ހުރި ގަވާއިދުތަކާއި އޯޑަރުތަކުގެ އިތުރުން ގާއިމްކޮށްފައިވާ ބޯޑުތައް ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތަކެއްވާ ނަމަ އެބަދަލެއް ގެނަމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
ހަމައެއާ އެކު ފުލުހުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށާއި ފުލުހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުޤީގު އަވަސްކޮށް ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ވެސް ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
ސީޕީ މިފަދައިން ވިދާޅުވެފައިވާ އިރު، ރައީސް އަބްދުﷲ ޔާމީން ވަނީ ފުލުހުންގެ ތެރޭގައި ކޮރަޕްޝަން އޮތް ކަމަށް ދޭހަވާ ފަދަ މާނައެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާ އަށް ފަހު ގައުމާ މުހާތަބު ކުރައްވަމުން ރަޢީސް ވިދާޅުވީ ފުލުހުންގެ މުޅި މުުއައްސައާއަށް ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބުގެ ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ފުލުހުންގެ ބޭނުންތަކަށް އަދީބު ހަރަދު ކުރައްވާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.