12 Apr 2011, 13:20
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީ އިން އޮޕަރޭޓް ކުރާ ވިލިމާލެ އާއި ހުޅުމާލޭގެ ފެރީ ޓިކެޓްގެ އަގު އަންނަ މަހު 15 އިން ފެށިގެން ބޮޑުކުރާ ގޮތަށް އެމްޓީސީސީން ނިންމައިފި އެވެ.
އެމްޓީސީން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޓިކެޓްގެ އަގަށް ގެނައި ބަދަލާ އެކު މިހާރު ފަސް ރުފިޔާ އަށް ވިއްކަމުން އައި ހުޅުމާލޭ ފެރީގެ ޓިކެޓު އަންނަ މަހުގެ 15 އިން ފެށިގެން ވިއްކާނީ އަށް ރުފިޔާ އަށް ކަމަށެވެ. އަދި ވޭވް ސައިކަލް ފަދަ ކުދި ވެހިކަލްތައް އުފުލުމަށް ހުޅުމާލެފެރީން ނަގާ ފީ ވެސް އެ ކުންފުނިން ވަނީ ބޮޑުކުރަން ނިންމައިފަ އެވެ.
އަންނަ މަހު 15 އިން ފެށިގެން އެގޮތުން އެފަދަ ވެހިކަލްތައް އުފުލުމަށް ނަގާ ފީ މިހާރު ވަނީ 10ރ. އަށް ބޮޑުކޮށްފަ އެވެ. އެމްޓީސީސީން އެފަދަ ވެހިކަލްތައް އުފުލުމަށް ނަގަނީ ހަތް ރުފިޔާ އެވެ. އަދި ކުރިން ތިން ރުފިޔާ އަށް ވިއްކަމުން އައި ވިލިމާލޭ ފެރީ ޓިކެޓްގެ އަގު ވަނީ ފަސް ރުފިޔާ އަށް ބަދަލުކޮށްފަ އެވެ.
ގިނަ ބަޔަކު ދަތުރުކުރާ މާލޭގެ ދެ އަވަށަށް ދަތުރު ކުރުމުގެ އަގު ބޮޑުކުރަންޖެހުނީ "ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ވަސީލަތްތަކުގެ އަގުތައް ބޮޑުވެފައި ވުމުން ދެމެހެއްޓެނިވި ގޮތުގައި ފެރީގެ ހިދުމަތް ދެވޭނީ އަގުތަށް ބޮޑުކޮއްގެން ކަމަށް" ވާތީ ކަމަށް ޒަމާންތަކެއް ވަންދެން ފެރީގެ ހިދުމަތް ދެމުން އަންނަ އެމްޓީސީން ބުންޏެވެ.