26 Dec 2015, 11:51
އދ. ހަންޏާމީދޫ ކައުންސިލަރަކު އެރަށުގެ ތޮށި ކައިރިން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.
ހަންޏާމީދޫ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު މިއަދު 'ސަން' އަށް ވިދާޅުވީ ކައުންސިލަރަކު ހޮވި އެމާވަހަރުގައި "ކިލޯއެއް ވަރު ހުންނާނެ" ކަމަށެވެ. އަދި އޭތި ދެއްކުމުން ގިނަ މީހުން އެއީ މާވަހަރެއް ކަމަށް ބުނާ ކަމަށާއި އެހެންކަމުން އެއީ މާވަހަރެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވަހީދު ވިދާޅުވި އެވެ.
"އޭނާ ބުނަނީ ބޭރު ތޮށި ކައިރިންނޭ މާވަހަރު ފެނުނީ. އެ ދެއްކުމުން އެންމެންވެސް ބުނަނީ މާވަހަރެކޭ. އެހެންވެ ވަރަށް ބޮޑަށް ގަބޫލުކުރެވޭ މާވަހަރެއް ކަމަށް،" މުހައްމަދު ވަހީދު ވިދާޅުވި އެވެ.
މިދުވަސްވަރު ފާހަގަކުރެވިފައި ވަނީ މާވަހަރު ތިޔާގި ދުވަސްވަރެއްގެ ގޮތުގަ އެވެ. ވޭތުވެ ދިޔަ ހަފްތާގައި ރ. އިނގުރައިދޫ މީހަކު ތިން ކިލޯ ހުންނަ ވަރުގެ މާވަހަރެއް ހޮވާފައިވެ އެވެ.
އޭގެ ކުރި ހަފްތާގައި ށ. ކޮމަންޑޫ މީހަކު ވަނީ 30 ކިލޯ ހުންނަވަރުގެ މާވަހަރުގެ ބާވަތެއް ކަމަށްވާ ހުދަންބަރެއް ހޮވައިފަ އެވެ. އޭގެ އަގަކަށް 17 މިލިއަން ރުފިޔާ އަރާކަމަށް މާވަހަރު ހޮވި ފަރާތުން ވަނީ ލަފާކޮށްފަ އެވެ.