26 Dec 2015, 11:35
ހިތި އަދި ހުތް ރަހައެއް ހުންނަ ގްރޭޕް ފުރުޓަކީ ގިނަ ފަރާތްތަކަށް އެހާ ކަމުދާ މޭވާ އެއް ނޫނެވެ. "ޝޮޕިންގް ލިސްޓް"ގައި އެ މޭވާ ނުހިމެނޭ ސަބަބަކީވެސް އެއީ އެވެ.
އެހެންނަމަވެސް އިނގޭ ހެއްޔެވެ؟ ގްރޭޕް ފުރުޓަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި މޭވާ އެކެވެ. ނުރައްކާތެރި ބަލިތަކުންނާއި ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ބޭނުންވާ އެތައް މާއްދާއެއް އެ މޭވާގައި އެކުލެވިގެންވެ އެވެ.
ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ
ގްރޭޕް ފުރުޓުގެ 80 ޕަސެންޓަކީ ވިޓަމިން ސީ އެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ދިފާއު ކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
ބޯ ހާސްކަން ފިލުވަދޭ

މުޅި ދުވަހު ބުރަކޮށް އުޅުމަށް ފަހު ސިކުނޑިއަށް ވެރިވެފައިވާ ހާސްކަން ފިލުވުމަށް ވެސް ގްރޭޕް ފުރުޓު އެހީތެރި ވެދެ އެވެ. އެގޮތުން ގްރޭޕް ފުރުޓެއް ކެއުމަށް ފަހު އޭގެ ތޮށިގަނޑު ކޮޓަރި ތެރޭ ނުވަތަ ގޭގެ ކޮންމެވެސް ތަނެއްގައި ބަހައްޓާށެވެ. އޭގެއިން ދުވާ ވަހުން، ސިކުނޑިއަށް ވެރިވެފައިވާ ނުތަނަވަސް ކަމާއި ބޯހާސްކަން ފިލުވައި ދޭނެ އެވެ.
ހިރުގަނޑުގެ ދުޅަހެޔޮ ކަމަށް
ގްރޭޕް ފުރުޓަކީ ހިރުގަނޑުގެ ދުޅަ ހެޔޮ ކަމަށްވެސް ވަރަށް މުހިއްމު މޭވާ އެކެވެ. އެ މޭވާގައި އެކުލެވޭ ވިޓަމިންސީ އެކަމަށް އެހީތެރި ވެދެ އެވެ. ހަމައެއާ އެކު ދަތްތައް ސާފުތާހިރު ކަންމަތީ ބެހެއްޓުމަށްވެސް ގްރޭޕް ފުރުޓު އެހީތެރި ވެދެ އެވެ.
ބަރުދަން ލުއި ކުރުމަށް

ގްރޭޕް ފުރުޓަކީ ކެލޮރީސް މަދު އެހެންނަމަވެސް ފައިބާ ގިނަ އަދަދަކަށް އެކުލެވޭ މޭވާ އެކެވެ. އެ މޭވާ ކެއުމުން ގިނަ އިރު ބަނޑު ފުރިފަ ހުންނަ ކަމުގެ އިހުސާސް ކުރުވާނެއެވެ. އެހެންކަމުން ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކުން ގްރޭޕް ފުރުޓް ބޭނުން ކުރުން ވަރަށް މުހިއްމެވެ.
އެހެންކަމުން ގްރޭޕް ފުރުޓަކީ ތިމާގެ ކެއުމުގައި އާއްމުކޮށް ބޭނުން ކުރާ މޭވާއަކަށް ހަދާށެވެ. މުހިއްމީ ރަހަ އެއް ނޫނެވެ. އޭގެއިން ސިއްހަތަށް ކުރާ ފައިދާ އެވެ.
މައުލޫމާތު: ހެލްތް ޓިޕްސް.ކޮމް