26 Dec 2015, 11:02
ޕްރައިވެޓް ސްޕޭސް ކުންފުންޏެއް ކަމަށްވާ "އާކަސްޕޭސް" އިން ފަންކާތަކެއް ހަރުކޮށްފައިވާ ވައިމަތީ ދުވާފަދަ ހޮވަބޯޑެއް އުފައްދައިފި އެވެ.
ނިމިގެން މިދާ 2015 ވަނަ އަހަރަކީ ޓެކް ދުނިޔޭގައި ހޮވަބޯޑް ހަގީގަތަކަށް ހެދި އަހަރެކެވެ. މީގެ ކުރިން ހޮވަބޯޑުތައް ފެންނާނީ ސައިންސް ފިކްޝަން ފިލްމުތަކާއި ކާޓޫންތަކުންނެވެ.
އާކަސްޕޭސްގެ ކުރިން މި އަހަރު ވަނީ ދެ ކުންފުންޏަކުން ހޮވަބޯޑެއް ދައްކާލައިފަ އެވެ. ނަމަވެސް އާކަސްޕޭސްގެ ހޮވަބޯޑާ ބެހޭ ގޮތުން މައުލޫމާތު ހޯދާ މީހަކު ބޮޑަށް އަޅައިގަންނާނީ އޭގެ އަގުގަ އެވެ. ޖުމްލަ 19،900 އެމެރިކާ ޑޮލަރުގެ އެ ހޮވަބޯޑަކީ އަގުހެޔޮ އުޅަނދެއް ނޫނެވެ.
ހަމަ ބިމާ ފޫޓެއްހާ މައްޗަށް އަރާ އެ ހޮވަބޯޑުދެ ދަށުގައި 36 ކަރަންޓް ފަންކާ ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން އެ ފަންކާތަކުން 430 ޕައުންޑުގެ ތްރަސްޓް ބިމަށް ފޮނުވާ ވައިގެ މަތީގައި ހުންނާނެ ކަމަށް ވެސް އާކަސްޕޭސް އިން ބުންޏެވެ.

އާކަސްޕޭސް ހޮވަބޯޑްގެ ދަށް ފަރާތް--- ފޮޓޯ: ދަ ވާޖް
ކުންފުނިން ބުނާ ގޮތުގައި އެ ހޮވާބޯޑްގައި އަމިއްލައަށް ބެލެންސް ކުރެވޭ ޒާތުގެ މެކޭނިޒަމްއެއް އެކުލެވޭނެ ކަމަށަށެވެ.
މިއަހަރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވަނީ "ލެކްސަސް" ހޮވަބޯޑަށެވެ. އޭގެ އިތުރުން މި އަހަރު ވަނީ "އާކްސް ޕެކްސް" އިން ވެސް ހޮވަބޯޑެއް ނެރެފަ އެވެ. ނަމަވެސް އެ ދެ އުޅަނދުވެސް ދުއްވުމަށް ޓަކައި ހާއްސަ ތަޅުމެއް ނުވަތަ ޓްރެކެއް ބޭނުންވެ އެވެ. އެފަދަ އެއްޗެއް އާކަސްޕޭސްގެ ހޮވަބޯޑަކަށް ބޭނުމެއް ނުވެ އެވެ.
އާކަސްޕޭސްގެ ހޮވަބޯޑުގެ އެންމެ ބޮޑު ދެރަ ތަންކޮޅަކީ އެ ބޭނުންކުރެވޭނީ ހަ މިނެޓް ކަމެވެ. އެއަށް ފަހުން އެ އުޅަނދު އަލުން ބޭނުން ކުރުމަށް ޗާޖު ކުރަން ޖެހޭނެ އެވެ.
އެ ހޮވަބޯޑު ނެރޭނެ ތާރީހެއް ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ގަންނަން ބޭނުން ކޮންމެ ފަރާތަކަށް ވެސް އެ އުޅަނދު ގަނެވޭނެ ކަމަށް ކުންފުނިން ވަނީ ބުނެފަ އެވެ.