26 Dec 2015, 10:43
ބެއިރޫތު (ޑިސެމްބަރ 26): ސީރިޔާގެ މިހާރުގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ، ހަނގުރާމަވެރިންގެ ލީޑަރެއް ކަމަށްވާ ޒަހްރާން އަލޫޝް މަރާލައިފި އެވެ.
ސީރިޔާގެ ސަރުކާރާ ދެކޮޅު މައި އެއް ޖަމާއަތް ކަމަށްވާ އާމީ އޮފް އިސްލާމްގެ ޖެނެރަލް ކޮމާންޑަރެއް ކަމަށްވާ އަލޫޝް މަރާލައިފައި ވަނީ ބުރާސްފަތި ދުވަހު ދިމިޝްގުގައި އޮތް އިދިކޮޅު އިސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެހަމަލާގައި އިތުރު ހަތަރު މީހަކު ވެސް މަރުވި އެވެ.
ޒަހްރާން އަލޫޝް އިސްވެ ހުރެގެން އާމީ އޮފް އިސްލާމް ވުޖޫދަށް ގެނައީ 2011 ވަނަ އަހަރު އެވެ. އަދި 2012 ވަނަ އަހަރު ދިމިޝްގުގައި ހުންނަ ނެޝަނަލް ސެކުއިރިޓީ ހެޑްކުއާޓާސް އަށް ދިން ހަމަލާއެއްގެ ޒިންމާ އެ ޖަމާއަތުން ނެގުމުން އެޖަމާއަތުގެ ނުފޫޒު ވަރުގަދަވެގެން ދިޔަ އެވެ.
މިމަހު ރިޔާޛްގައި ސުލްހައިގެ ވާހަކަތަކަތައް ދެއްކުމަށް ބޭއްވި ކޮންފަރެންސްގައި އާމީ އޮފް އިސްލާމް އިން ބައިވެރިވެފައިވެ އެވެ.
ސީރިޔާއަށް އެގައުމުގެ ސަރުކާރުންނާއި ރަޝިޔާ އިން ދޭ ވައިގެ ހަމަލާތަކުގައި އެތައް ސަތޭކަ އާއްމުން މަރުވެފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެ އެވެ. (ސީއެންއެން)