އިސްތަންބޫލް (ޑިސެމްބަރ 26): ތުރުކީގެ އިސްތަންބޫލުގެ ބުރިޖަކުން ފުއްމާލައިގެން އަމިއްލައަށް މަރުވާން އުޅުނު މީހަކާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވާހަކަ ދެއްކެވުމަށް ފަހު، އޭނާ އަމިއްލައަށް މަރުވުމުން ހުއްޓުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

އެހާދިސާ ހިނގީ އިއްޔެ ހުކުރު ނަމާދަށް ފަހު ތުރުކީގެ ރައީސް އުރުދުޣާން މޮޓޯކޭޑްގައި ވަޑައިގަންނަވަނިކޮށް ބުރިޖް މަތިން އެފިރިހެންމީހާ ފުއްމާލަން މަސައްކަތް ކުރާތަން ރައީސަށް ފެނިވަޑައިގަތުމުންނެވެ.

އެމީހާ ބުރިޖްގެ މަތިން ފުއްމާލަން އުޅެނިކޮށް އޮފިޝަލުން ވަޑައިގެން، ރައީސް އުރުދުޢާންއާ ވާހަކަދެއްކުމަށް އެމީހާ އަށް ލަފާދޭތަން ފެނެ އެވެ. އަދި ކާރުކޮޅުގައި އިންނަވައިގެން ރައީސް އުރުދުޢާން އެމީހާއާ ވާހަކަފުޅުދެއްކެވުމުން، އެމީހާ ރައީސް އުރުދުޢާންއާ ސަލާމް ކުރުމަށް ފަހު ޝުކުރު އަދާކުރާ މަންޒަރު ފެނެ އެވެ.

ތުރުކީގެ މީޑިއާ އިން ބުނާ ގޮތުގައި އެމީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ އާއިލީ މައްސަލަތަކުގެ ސަބަބުންނެވެ. (ބީބީސީ)