26 Dec 2015, 11:09
ފާއިތުވި އަހަރާ އަޅާބަލާ އިރު މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ގެވެށި އަނިޔާގެ 171 މައްސަލައަކާއި ޖިންސީ ގޯނާގެ 439 މައްސަލައެއް ހުށަހެޅިފައިވެ އެވެ. އަދި މި އަހަރުގެ އެ މުއްދަތުގައި ގެވެށި އަނިޔާގެ 313 މައްސަލައަކާއި ޖިންސީގޯނާގެ 484 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
އެގޮތުން މިއަހަރުގެ ނޮވެމްބަރާ ހަމައަށް ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅި މިންވަރު 83 ޕަސެންޓް ވަނީ އިތުރު ވެފަ އެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅި މިންވަރު 12.5 ޕަސެންޓް ވަނީ އިތުރުވެފައިވެ އެވެ.
ނަމަވެސް މަކާރާއި ހީލަތް ހެދުމުގެ މައްސަލަތަކާއި ކައުންޓަފީޓް އަދި ފޯޖަރީގެ މައްސަލަތައް ހުށަހެޅުނު މިންވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފަ އެވެ.
އޭގެ އިތުރުން މި އަހަރުގެ މިހާތަނަށް ހުށަހެޅި ވައްކަމާއި ފޭރުމާއި މާރާމާރީގެ މައްސަލަތައް ވެސް ދަށް ވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން އެނގެއެވެ.
އެގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް ހުށަހެޅި ފޭރުމުގެ މައްސަލަތައް ވެސް ވަނީ 18 ޕަސެންޓް މަދުވެފަ އެވެ. އެއީ 2014 ވަނަ އަހަރު 586 މައްސަލަ އަދި 2015 ވަނަ އަހަރު 484 މައްސަލަ ހުށަހެޅިގެންނެވެ.
މިދިޔަ އަހަރު ވައްކަމުގެ 4758 މައްސަލަ، އަދި މި އަހަރު 3728 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެހެންކަމުން ހުށަހެޅުނު ވައްކަމުގެ މައްސަލަތައް ވަނީ 22 ޕަސެންޓް ދަށްވެފަ އެވެ. އެއީ 1030 މައްސަލައިގެ ފަރަގެކެވެ.
މިދިޔަ އަހަރާ އަޅާބަލާ އިރު 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަށް އެންމެ ބޮޑު ފަރަގެއް އައިސްފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކަށެވެ. އެގޮތުން، 2014 ވަނަ އަހަރު 2986 މައްސަލަ ހުށަހެޅިފައިވާ އިރު މި އަހަރު 1885 މައްސަލަ ހުށަހެޅިގެން 1101 މައްސަލައިގެ ފަރަގަކާ އެކު 36 ޕަސެންޓަށް ވުރެ މަތިން މަސްތުވާތަކެތީގެ މައްސަލަތައް ހުށަހެޅުނު މިންވަރު ވަނީ ދަށްވެފަ އެވެ.
ފާއިތުވި 2014 ވަނަ އަހަރާ އަޅާބަލާ އިރު މި އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 14 ޕަސެންޓް ވަނީ ދަށްވެފަ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މުޅި ޖުމްލަ 14،717 މައްސަލަ ހުށަހެޅިފައިވާ އިރު ހަމަ އެ މުއްދަތުގައި މިއަހަރު ހުށަހެޅިފައި ވަނީ ޖުމްލަ 12،651 މައްސަލަ އެވެ. އެހެންކަމުން މިއަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާ އިރު ވަނީ 2060 މައްސަލަ މަދުވެފަ އެވެ.