ޓްރިވެންޑްރަމް، އިންޑިއާ (26 ޑިސެމްބަރު) -މިފަހަރުގެ ސާފް ސުޒުކީ ކަޕްގައި ބަނގުލަދޭޝް އިތުރަށް ކުރިއަށް ދާން ބޭނުން ނަމަ މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ގޮތެއް ހަދާފައިވެސް މޮޅުވާން މަޖުބޫރު ކަމަށާއި އެހެންކަމުން މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ދޭތިން އެކައްޗަށް ކަމަށް ބަނގުލަދޭޝްގައި މިވަގުތު ހުރި އެންމެ އަގުބޮޑު ކުޅުންތެރިޔާ ޖަމާލް ހާރިސް ބޫޔާން ބުނެފިއެވެ.

މި މުބާރާތުގައި ބަނގުލަދޭޝް ކުޅުނު ފުރަތަމަ މެޗުން އަފްޣާނިސްތާނާ ވާދަކޮށް އެޓީމު ވަނީ، 4-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ދެމިއޮތުމަށް މިއަދުގެ މެޗުން މޮޅުވުން ނުވަތަ މެޗް އެއްވަރުކޮށްލުން އެޓީމަށް މަޖުބޫރުވާނެއެވެ.

"މިއަދުގެ މެޗަށް މި ނުކުންނަނީ މޮޅުވާން. އަހަރެން ބޭނުމެއް ނޫން ހުސްއަތާ ބަންގާޅަށް ދާކަށް،" ޑެންމާކަށް އުފަން 25 އަހަރުގެ ޑިފެންސިވް މިޑްފީލްޑަރު ބުންޏެވެ.

އޭނާ ބުނީ، ރާއްޖޭ ޓީމަކީ ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ހުރީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކަމަށެވެ.

"ރާއްޖޭ ޓީމަކީ ވަރުގަދަ ޓީމެއް، އެޓީމުގައި އަލީ އަޝްފާގު އެބަ ހިމެނޭ. އެކަމަކު އެއީ އެންމެ ކުޅުންތެރިއެއް. އަހަރެން އޭނާއާ ދޭތެރެއަކު ނުވިސްނަން،" ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު އެއް ޑިފެންސިވް މިޑްފީލްޑަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ބޫޔާން ބުންޏެވެ.

ބަނގުލަދޭޝް ޓީމުގެ ކުޅުންތެރީން ފަރިތަކުރުން ތަކުގައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

ބޫޔާން ބުނީ، އޭނާގެ އިތުރުން މިއަދުގެ މެޗުގައި ރާއްޖެ ބަލިކުރުމަށްޓަކައި ބަނގުލަދޭޝް ޓީމުގެެ ފޯވާޑް ޝަކަވަތު ރޯނީއާއި މިޑްފީލްޑަރު ޒާހިދު ހުސައިންގެ ފަރާތުން މުހިންމު ދައުރެއް ފެނިގެން ދާނެ ކަމަށާއި ޓީމުގެ ކޯޗު މައުރުފުލް ހައްގުވެސް ރާއްޖެއާ ދެކޮޅަށް ރަނގަޅު ޕްލޭންތަކެއް ގެންގުޅޭނޭ ކަމަށެވެ.

"މި މުބާރާތުގައި އެއްޗެއް ބޭނުންނަމަ ބަންގާޅު މުބާރާތުގައި އޮންނަން އެބަޖެހޭ. އެންމެ ފަހުގެ ސާފްގައި އަހަރެމެން ގްރުޕް ސްޓޭޖުން ކެޓީ. އެހެންކަމުން މިފަހަރު ކޮންމެ ގޮތެއް ހަދާފައިވެސް ސެމީއަށް ދާންޖެހޭނެ،" ކުރިން ޑެންމާކުގެ ބްރޮންޑީ އައިއެފްއާއި އެފްސީ ކޮޕެންހޭގަން، ކްލަބް ހެލަރަކް އައިކޭ، އަދި ފިލިޕީންސްގެ ސްޓާލަޔަންސް އެފްސީ އާއި ޗައިނާގެ ޝަންހާއީ ޝެންޒިންއަށް ވެސް ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު ބުންޏެވެ.

މިދިޔަ އަހަރު ދެކުނު އޭޝިއާގެ އެންމެ މޮޅު 10 ކުޅުންތެރީންގެ ތެރެއިން 9 ވަނަ ކުޅުންތެރިޔާގެ ގޮތުގައި ބެލެވިފައިވާ ބޫޔާން، ބަންގާޅުގެ ޝެއިޚް ޖަމާލް ދަންމޮންޑީއަށް 2014/2015 ސީޒަނަށް ސޮއިކޮށްފައި ވަނީ، ބަންގާޅުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.