ޓޯކިޔޯ :ޖަޕާނުގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދެއް ކަމަށްވާ ނިޗީބާ އަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެވެ.

ރެކްޓަރ މިންގަނޑުން 6.3 ގެ ބާރުމިނުގައި މިބިންހެލުން އައިސްފައިވަނީ ޖަޕާނުގެ ގަޑިން މިއަދު ހެނދުނު 8:08 ގައެވެ.

މިބިންހެލުމާ ގުޅިގެން ޓޯކިޔޯގެ ޢިމާރާތްތައްވެސް ގުޑައިގެން ދިޔަކަމަށާ ނަމަވެސް ސުނާމީއެއްގެ އިންޒާރު ދީފައިނުވާ ކަމަށް ކިޔޮޑޯ ނޫސް އެޖެންސީ ބުނެއެވެ.

މި ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބުނުކަން ނުވަތަ ނޫންކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ޖަޕާނުގެ ރޭލް ދަތުރުތަކާއި ޓޯކިޔޯގެ ނަރީތާ އެއަރޕޯޓްގެ ދަތުރުތައް މިކަމުގެ ސަބަބުން އެތަށް ގަޑީއިރަކަށް މެދުކަނޑާލެވުނެވެ.
މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު 9.0 ޑިގްރީގެ ބާރުމިނުގައި ޖަޕާނަށް އައި ބިންހެލުމާއި އެއާއެކު އެރި ސުނާމީގައި 25 ހާސް މީހުން މަރުވެ އެތަށް ހާސްބަޔަކު ގެއްލުނެވެ.

މިކާރިޘާގައި ނިއުކްލިޔަރ އެތަށް ރިއެކްޓަރެއް ހަލާކުވެ އެއިން ރޭޑިއޭޝަން ބޭރުވުމުގެ ސަބަބުން ޖަޕާނަށްވަނީ ނިއުކްލިޔަރ ބިރުވެރިކަމެއްވެސް އިޙްސާސް ކުރަންޖެހިފައެވެ. (ކިޔޮޑޯ ނޫސްއެޖެންސީ)