24 Apr 2010, 13:39
ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރްޞަތުތަކާ ބެހޭގޮތުން ދެކުނު ކޮރެއާގެ ވިޔަފާރި ކުންފުނިތަކުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަޢްލޫމާތު ދެއްވައިފި އެވެ.
ދެކުނު ކޮރެއާގެ ސޯލްގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ހޮޓަލުގައި މިއަދު ހެނދުނު އޮތް ބައްދަލުވުމެއްގައި މައުލޫމާތު ދެއްވި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، މަސްވެރިކަމާއި ފަތުރުވެރިކަން ކަމަށާއި، މިދެދާއިރާގައިވެސް އަދި އެނޫން އެހެން ދާއިރާތަކުގައިވެސް ޚާއްޞަކޮށް، ހަކަތަ އުފައްދައިގެން ކަރަންޓް ދިނުމާއި، ގެދޮރު އެޅުމުގެ މަޝްރޫޢުގައި އިންވެސްޓް ކުރުމުގެ ފުރްޞަތުތައް ހުޅުވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެއެވެ. މިގޮތުން، ސަރުކާރުން ހިންގަމުން ގެންދާ ބައެއް މަޝްރޫޢުތަކަށް ބައްލަވާލައްވައި، އެކަމުގެ އިތުރު ތަފްޞީލު، ރައީސުލްޖުމްހޫރިއްޔާ ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ދެކުނު ކޮރެއާގެ ކުންފުނިތަކަށް ދިވެހި ސަރުކާރުން މަރްޙަބާ ކިޔާނެ ކަމަށް ވިދާޅުވި ކަމަށާއި، ރާއްޖެއަށް ޒިޔާރަތް ކުރަމުންދާ ދެކުނު ކޮރެއާގެ ޓޫރިސްޓުންގެ ޢަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުޤުވެރިކަން، ކޮރެއާގެ ކުންފުނިތަކުން ހާމަކުރި ކަމަށާއި، އަދި ރާއްޖޭގައި އިންވެސްޓް ކުރުމުގައި ހުރި ފަސޭހަތަކާއި ދަތިތަކާ ބެހޭގޮތުންނާއި، މިކަމުގައި ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން އެބޭފުޅުން ބޭނުންފުޅުވި މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް ދެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.