ވާދަވެރި ރިޔާސީ އިންތިހާބަށް ފަހު، ޕާޓީތަކުގެ ކޯޅުންތަކުގައި މަޖިލިސް އިންތިހާބު ބޭއްވި އެވެ. ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން އިދިކޮޅު އެންމެ ބޮޑު ޕާޓީން މާލޭގެ މަގުތަކަށް ނުކުމެ، ހަލަބޮލިކޮށްލި އެވެ. ސަަރުކާރާއެކު ތިބި ޕާޓީތަކުން އެމްޑީޕީއާ ބައިޔަތު ހިފައި، މަގުމައްޗަށް ނުކުތުމުން، ތުހުމަތުތަކުގައި ބައެއް ލީޑަރުން ގޮޅިތަކަށް "ފެތުނެވެ". ފިއްތުންތަކުގެ ތެރޭގައި ސަރުކާރު އޮއްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ނުރައްކާތެރި ހަމަލާއެއް ދިނެވެ. ރައީސަށް އެ ހަމަލާދިން ކަމުގެ ތުހުމަތުގައި ސަރުކާރުގެ ދެ ވަނަ ނައިބު ރައީސް އަހުމަދު އަދީބު ބަންދު ކުރި އެވެ. ކުއްލި ނުރައްކާ އިއުލާން ކުރުމާއެކު ދުނިޔެއަށް ރާއްޖޭގެ ހާލަތު ވަޒަންކުރެވުނެވެ.

މިއީ ވޭތުވެދިޔަ ދެ އަހަރުގެ ކުރު ހުލާސާއެކެވެ. ވޭތުވެދިޔަ ދުވަސްތަކަކީ ފަހުގެ ތާރީހުގައި ރާއްޖެ އެންމެ ހަލަބޮލިވި ފަހަރެކެވެ. ސަރުކާރުގެ ދެ ނައިބު ރައީސުން، މަގާމުން އަޒުލް ކުރުމަކީ އެކަމުގެ ހެއްކެވެ. ރައީސްގެ މަގާމު އަދާ ކުރައްވަމުން ގެންދެވި ބޭފުޅަކަށް ނުރައްކާވުމަކީ ގައުމުގެ ހާލަތު އިތުރަށް ގޯސްކަން އަންގައިދޭ ކަމެކެވެ.

ނަމަވެސް މިހާރު ސިޔާސީ ވާހަކަތައް މަދުވެއްޖެ އެވެ. ޑިމާންޑުތަކާ އެކު މުޒާހަރާ ކުރާ މީހުން މަދުވެއްޖެ އެވެ. ސުރުހީތަކުން ސިޔާސީ ލީޑަރުންގެ ވާހަކަތައް އެރުން މަދުވެއްޖެ އެވެ. އިދިކޮޅު ޕާޓީތަކާއި ސަރުކާރު ހިންގާ ޕާޓީ އަދި ސަރުކާރުގެ ރައްދު ދިނުން ވަނީ މަޑުޖެހިފަ އެވެ. މުޖުތަމައުގެ ތެރޭގައި މި ދުވަސްކޮޅު ސިޔާސީ ބޮޑެތި ވާހަކަތަކެއް ދައްކާތަނެއް ނުފެނެ އެވެ.

ސުވާލަކަށް ވަނީ އެހާ ބޮޑެތި ހާދިސާތަކަށް ފަހު ސިޔާސީ ގޮތުން، ގައުމު މަޑުމަތިރިވެފައި އޮތީ ކީއްވެގެންތޯ އެވެ؟ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ހިފަހައްޓައި އިންސާފު ލިބުމަށް ދަތިވުމުން، ރައްޔިތުން މަގުތަކަށް ނުކުންނަށް ޖެހިލުން ވަނީ ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ މަހު އެމްޑީޕީން ބޭއްވި "މިންޖުވާން" މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުތުމަށް، ފުލުހުން ހުރަސް އެޅި ކަމަށާއި އިދިކޮޅު ފަރާތްތަކުން އަޑު އުފުލުމުން ސަރުކާރު އަޑުނޭހުމުން ވެސް "އެއްކަމެއްގައި ދެމިތިބެން" އެންމެން ބޭނުން ނުވާ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"މީހުންނަށް އަޑުނީވޭ ހިސާބެއްގައި ދުރުގައި އެއްވުން ބޭއްވުމުން އޭގެ ސަބަބުން މާ ބޮޑު ފައިދާއެއް ނުކުރާނެ. ހަގީގަތުގައި ސަރުކާރުން ކުރަމުންދާ ކަންތައްތަކުން ރައްޔިތުން ބިރު ބޮޑުވެގެން ދިއުން. ހައްޔަރުކޮށް ދައުވާ ކުރަމުން ދާތީ. ވަޒީފާގެ ބިރައްޓަކައި ސަރުކާރާ ދެކޮޅަށް ޖެހިލުންވުން. އަދި ވަރުބަލިކަން އިހްސާސްވުން،" ސިޔާސީ ހަލަބޮލިކަން މައިތިރިވި ސަބަބެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ އިދިކޮޅު ފަރާތްތައް މަގު މައްޗަށް ނުކުމެގެން އަޑުއުފުލިޔަސް ސަރުކާރުން އަޑުނާހާނެ ކަމަށް އިދިކޮޅު ފަރާތްތަކަށް ގަބޫލު ކުރެވެމުންދާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިދުވަސްކޮޅު އިދިކޮޅު ފަރާތްތައް މަގުމައްޗަށް ނުނުކުންނަނީ ސުޕްރީމް ކޯޓަށް ނަޝީދު މައްސަލަ ހުށަހަޅާފައިވުމުން، ޖުޑީޝަރީ މަރުހަލާ އޮމާންކަމާއެކު ކުރިއަށް ގެންދަން ފުރުސަތު ދޭން ކަމަށް ބެލެވޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

ސިޔާސީ ކަންތައްތައް މަޑުޖެހިފައިވާ ސަބަބެއް ކަމަށް ސަރުކާރުން ގަބޫލު ކުރާ ގޮތް ތަފާތެވެ. ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ގަބޫލު ކުރައްވާ ގޮތުގައި ސިޔާސީ ހަލަބޮލިކަން މަޑުޖެހިފައި ވަނީ އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި" އަމަލުތަކާ ދުރަށް ރައްޔިތުން ދިއުމުންނެވެ. އޭނާ ސިފަކުރައްވާ އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި" އަމަލުތަކަކީ އާންމުން މަގުތަކަށް ނެރެ، ޖިނާއީ ކުށްތައް އެ މީހުން ލައްވައި ކުރުވައި، ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި އެ މީހުން ތިބެންޖެހުމެވެ. ނިހާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ "ފަނާކުރަނިވި އަމަލުތަކާ" ދުރަށް ރައްޔިތުން ގެންދިއުމަށްޓަކާ، ތަރައްގީގެ މަޝްރޫއުތައް މަޑުޖެހުމެއް ނެތި ކުރިއަށް ގެންގޮސް، އިޖުތިމާއީ ހަރަކާތް ކުރިއަށް ގެންދިއުން ކަމަށެވެ.

"ރައްޔިތުންނަށް ފެނިއްޖެ ފަނާކުރަނިވި ފިކުރާއި ބިނާކުރަނިވި ތަރައްގީގެ މަގު. ރައްޔިތުން މިއަދު އިހްތިޔާރުކޮށްގެން ތިބީ ބިނާކުރަނިވި އުފެއްދުންތެރިކަން. ކޮންމެ ހަފްތާއަކު ވެސް ފެނިގެން އެ ދަނީ ބޮޑެތި ޕްރޮޖެކްޓުތައް ކުރިއަށް ގެންދާތަން. ތަރައްގީގެ ދުވެލި ބާރުވަމުންދާތަން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް ހިތްފަސޭހަކޮށްލެވޭ ގޮތަށް މަގުތަކުގެ އާންމު އަހުލާގީ މިންގަނޑު ހަރުދަނާކޮށް، މާލޭގައި ޕާކުތައް އިތުރުކޮށްފައިވާ ކަމަށެވެ. އިޖުތިމާއީ ފޭރާން ފުރިހަމަ ކުރުމުގެ ޖާގަ ސަރުކާރުން އަބަދުވެސް ދެމުންދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ފިކުރު ހުއްޓޭ ހިސާބުން ރާއްޖެ އޮންނާނީ ހަމަޖެހިފައި ކަމަށާއި އެމަނިކުފާނަކީ ޒުވާން އުމުރުން ފެށިގެން ގައުމު ހަލަބޮލިކޮށްލަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ.

މީޑިއާއަށް ފެންނަ މަންޒަރާ މާ ދުރުގައި ކަންތައްތަކެއް، ސިޔާސީ ގޮތުން ހިނގަމުންދާ ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެއީ ސިޔާސީ ލީޑަރުން ހައްޔަރުކޮށްފައި ތިބުމުން ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ކުރަމުންދާ ފިއްތުންތަކެވެ. ސަރުކާރުން އެ ފިއްތުންތަކަށް އަމަލު ކުރާނެ ފޯމިއުލާއެއް ގެންގުޅޭނެ ކަމަށް ނިހާން ގަބޫލު ކުރައްވަ އެވެ.

ނިހާން ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ބަންދުގައި ތިއްބެވި އެހެން ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި ގަރާރުގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ. އެ ފަދަ ގަރާރެއް ފާސްކުރުން އެއީ ރާއްޖެއަށް ނުރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ. އީޔޫ މެދުވެރިކޮށް ފާސްކުރި އެ ގަރާރަކީ ދޮގު މައުލުމާތު ދީގެން، ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ނިހާން ސިފަ ކުރެއްވި އެވެ.

ކުޅިވަރުގެ އީދު، ސާފް ޗެމްޕިއަންޝިޕް ނުވަތަ ސާފް ސުޒުކީ ކަޕް ފެށުމުން ސިޔާސީ ކަންތައްތައް މި ދުވަސްކޮޅު މަޑުޖެހިފައި އޮތް ސަބަބަކަށް ވެދާނެ އެވެ. މުބާރާތުގެ ތައްޓާ ހިސާބަށް ރާއްޖެ ގޮސްފި ނަމަ އިތުރަށް އެ ފޯރި ގަދަވެގެންދާނެ އެވެ. އިޖުތިމާއީ ރޫހު މުޖުތަމައުގައި ގުގުމާލާނެ އެވެ.

ނަމަވެސް މާ ލަހެއް ނެތި އަނެއްކާ ވެސް ސިޔާސީ ހަލަބޮލިކަން އައުމުގެ ފުރުސަތު ބޮޑެވެ. އެއީ ރައްޔިތުންގެ މަޖިލިސް ހުޅުވުމާ އެކު ސިޔާސީ ވާހަކަތައް ފަޅައިގެންދާނެ އެވެ. ސަބަބަކީ މަޖިލީހަކީ ސިޔާސީ ކިއްލާއަށްވުމުން، އެ ބާރު މެދުވެރިކޮށް ސިޔާސީ ނިންމުންތައް ނިންމާނެތީ އެވެ. ސިޔާސީ ކަންތައްތަކީ އެކަހަލަ ކަމެކެވެ. އަޑިގުޑަންތަކަށް ފަހު އެއް ބަޔަކަށް ކާމިޔާބީ ލިބޭނެ އެވެ. އަދި އަނެއް ބަޔަކަށް ނާކާމިޔާބީއާ ކުރިމަތިވާނެ އެވެ.