ޓްރިވެންޑްރަމް، އިންޑިއާ (25 ޑިސެމްބަރު) -ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު ބަންގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް، މިއަދު ހެނދުނު 9:30 އިން ފެށިގެން ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން ހިލޭ ލިބޭނެކަމަށް އެ އޮފީހުން ބުނެފި އެވެ.

ކޮންސުލް އަލީ އާދަމް (އަލިބެ) މިރޭ ސަންއަށް ވިދާޅުވީ، ގައުމީ ޓީމު މާދަމާ ބަނގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް ދިވެހީންނަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ކޮންސިއުލޭޓުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ކޮންސިއުލޭޓުން އެފްއޭއެމްއާ ވެސް ގުޅިގެން "އެކި ފަރާތްތަކާ ވާހަކަދައްކައިގެން މިހާތަނަށް 1000 އަށްވުރެ ގިނަ ޓިކެޓް" ހޯދާފައިވާކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި ވަނީ، ދިވެހި ލޮބުވެތި ރައްޔިތުންނަށް ގައުމީ ފުޓްބޯޅަ ޓީމު މާދަމާ ކުޅޭ މެޗުގެ ޓިކެޓް ހިލޭ ފޯރުކޮށްދިނުމަށް ކޮންސިއުލޭޓްގައި ހާއްސަ އޮފީހެއް ވެސް ގާއިމުކޮށްފައި،" އަލިބެ ވިދާޅުވިއެވެ.

ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގައި ވަނީ، މާދަމާގެ މެޗުގެ ޓިކެޓް ބެހުމަށް "ވޮލަންޓިއާސް އޮފީހެއް ގާއިމުކޮށްފައި -- ސަން ފޮޓޯ: ކޮންސިއުލޭޓް

އަލިބެ ވިދާޅުވީ، ޓިކެޓް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހައިން ޓިކެޓް ލިބޭނޭ ގޮތް ހެދުމަށް ގާއިމުކޮށްފައިވާ "ވޮލަންޓިއަރސް އޮފީސް"ގެ އިތުރުން މިއަދު، މެޗު ފެށުމުގެ އެއް ގަޑިއިރު ކުރީން، މެޗުކުޅޭ "ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމް"ގެ ހުރިހާ ގޭޓެއްގެ ކައިރިންވެސް ޓިކެޓް ލިބޭނޭ އިންތިޒާމް ކޮންސިއުލޭޓުން ހަމަޖައްސާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދެން ވީހާވެސް ގިނަ އަދަދެއްގެ ބޭފުޅުން ދިވެހި ގައުމީ ޓީމަށް ސަޕޯޓު ކުރުމަށް މިއަދު، ދަނޑަށް ވަޑައިގެން ދެއްވުމަށް. މިފަދަ ގައުމީ ކަންކަމުގައި ތިޔަ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އަލިބެ ވިދާޅުވިއެވެ.

"ދެން ޓިކެޓް ހޯއްދަވަން ވަޑައިގަންނަވާއިރު، ދިވެއްސެންކަން އެނގޭ ފަދަ ލިޔުމެއް ގެންނެވުމުން ރަނގަޅުވާނެ. އެއީ އަޅުގަނޑުމެންނަށް ޓިކެޓްތައް ހޯއްދަވައިދެއްވާ ފަރާތްތަކުން އެބަ އެދިލައްވާ، ސަލާމަތީ ސަބަބުތަކަށްޓަކައި ޓިކެޓް ބައްލަވައިގަންނަވާ ފަރާތްތަކުގެ ނަންތައް އެނގެން."

އޭނާ ވިދާޅުވީ، މާދަމާވެސް އެކި ފަރާތްތަކާ ވާހަކަދައްކައިގެން އިތުރު ޓިކެޓް ހޯދުމަށް މަސައްކަތް ކުރައްވާނޭ ކަމަށާއި، އަދި އިތުރު ޓިކެޓްވެސް ލިބޭނޭ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތްކަމަށެވެ.

ޓިކެޓާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކަށް ކޮންސިއުލޭޓުން ވަނީ، ގުޅޭނޭ ނަމްބަރެއްވެސް ގާއިމުކޮށްފައެވެ. އެގޮތުން މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 919847702554+ ގުޅުމަށް އެ އޮފީހުން އެދިފައި ވެއެވެ.

އަދި މިކަމާގުޅޭ ގޮތުން އިތުރު މައުލޫމާތު، ކޮންސިއުލޭޓްގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނޭ ކަމަށް އަލިބެ ވިދާޅުވިއެވެ.

ސާފް ސުޒުކީ ކަޕްގެ ގްރޫޕް ބީގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ބަނގުލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ އިންޑިއާ ގަޑިން 3:30ގައެވެ.