25 Dec 2015, 21:22
ޓްރިވެންޑްރަމް، އިންޑިއާ (25 ޑިސެމްބަރު)- ސާފް ސުޒުކީ ކަޕަށް ނެގި އިންޑިއާގެ ގައުމީ ސްކޮޑުގައި ރޮބިން ސިންހް ހިމެނުމުން ފާޑު ކިޔުންތައް ކުރިމަތިވިކަމަށާއި ނަމަވެސް މިއަދުގެ މެޗްގައި މޮޅު ކުޅުމެއް ދައްކައި ދެ ގޯލް ޖަހައި އެފާޑު ކިޔުންތަކަށް އޭނާ ރައްދު ދީފައިވާ ކަމަށް އިންޑިއާ ކޯޗް ސްޓެފަން ކޮންސްޓެޓެއިން ބުނެފިއެވެ.
ކޮންސްޓެޓެއިން ބުނީ، އިންޑިއަން ސުޕަލީގްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ރަނގަޅަށް ނުކުޅެވުނު ބައެއް ކުޅުންތެރިން އޭނާގެ ޓީމުގައި ހިމެނުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވި ކަމަށާއި އެގޮތުން ސިންހްއަށްވެސް ފާޑުކިޔުންތައް އަމާޒުވިކަމަށެވެ.
ނަމަަވެސް އެ ފާޑުކިޔުންތަކަށް އޭނާ ރައްދު ދީ މޮޅު ކުޅުމެއް ދައްކައި ދެ ލަނޑު ޖަހައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ތިން ލަނޑު ޖެހުމުން ވަރަށް ބޮޑަށް ހިތް ހަމެޖޭހޭ ކަމަށް ސްޓެފަން ކޮންސްޓެޓެއިން ބުންޏެވެ.
ރޮބިން ސިންޙްގެ ބަދަލުގައި އިންޑިއާގެ ޢުމުރުން 18 އަހަރުގެ ލާލިއަން ޒޯލާ ޗާންގޭ ކުޅެން ނެރުނު ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ކޮންސްޓެޓެއިން ބުނީ އޭނާއަށް ފުރުސަތު ދިނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށާއި އޭނާއަކީ ކުރިމަގުގައި އިންޑިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ވާނެކަމަށެވެ.
އޭނާ ބުނީ، މެޗް އިންޑިއާއަށް ކާމިޔާބުވީ، ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެގެން ކަމަށާއި ލަންކާއިން މަސައްކަތް ކުރި ކައުންޓަ އެޓޭކު ހުއްޓުވަން ވެސް އޭނާ ގެންގުޅުނީ ބޯޅަ ޕޮޒިޝަންގެ ފޯމިއުލާ ކަމަށެވެ.