ސިޔާމް މައުރޫފް ސޮކާ ކަޕްގައި މިއަދު ހަވީރު ކުޑަފަރީ އާއި ލަންދޫ ކުޅުނު މެޗު 0-2ގެ ނަތީޖާ އަކުން ކުޑަފަރީ އިން ކާމިޔާބުކޮށްފި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފުގެ އިސްނެގުމުގެ މަތިން ނ. އޮތޮޅު ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތުގައި މިއަދު ކުޑަފަރީ ބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ކުޑަފަރީގެ ދެ ގޯލް ވެސް ފެނިގެންދިޔައީ ދެ ވަނަ ހާފުގަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި، މުބާރާތް ބާއްވާ ކުޑަފަރީ އާއި ލަންދޫ މިއަދު ކުޅުނު މެޗު 0-2ގެ ނަތީޖާ އަކުން ކުޑަފަރީ އިން ކާމިޔާބުކުރި --

ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ލަނޑުޖާހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމުކެވެ. ނަމަވެސް ދެ ވަނަ ހާފްގައި ކުޑަފަރީގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން އައީ ލަންދޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ކުޑަފަރީ އިން އެ މެޗުގައި އެ މީހުންގެ ފުރަތަމަ ގޯލް މެޗްގެ 58 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޖަޒްލާން އާދަމެވެ. ފުރަތަމަ ގޯލް ކާމިޔާބު ކުރިތާ މާގިނަ އިރުތަކެއް ނުވެ އެ ޓީމުން ޖެހި ދެ ވަނަ ލަނޑު 67 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ޖުނައިދުއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މިއަދު ހަވީރު ކުޑަފަރީ އާއި ލަންދޫ ކުޅުނު މެޗުގެ ތެރެއިން ---

ލަންދޫ ޓީމުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވެސްކޮށް ކުޑަފަރީގެ ގޯލަށް ފޮނުވާލި ނަމަވެސް އެ މެޗުގައި މޮޅު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ކުޑަފަރީގެ ގޯލް ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މިއަދު ހަވީރު ކުޑަފަރީ އާއި ލަންދޫ ކުޅުނު މެޗުގެ މޮޅު ކުޅުންތެރެއާގެ މަގާމު ހޯދި ކުޑަފަރީގެ ކީޕަރު ހުސެއިން އަނީސް އަށް ޓްރޮފީ ހަވާލު ކުރަނީ ---

ދެ ގުރޫޕް އަކަށް ބަހާލައިގެން ޖުމުލަ ނުވަ ޓީމާ އެކު ކުޅޭ އެ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގެ މެޗުތައް މިމަހުގެ 29 އަދި 30 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.

އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލަށްކަ ރުފިޔާ ހުށަހަޅާފައިވާ އިރު ރަނަރަޕް ޓީމަށް ބައިލައްކަ ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސިޔާމް މައުރޫފު ސޮކާ ކަޕްގައި މާދަމާ ހަވީރު ވެސް ވަނީ މެޗެއް ކުޅުމަށް ހަމަޖެހިފަ އެވެ. އެ މެޗުގައި މަގޫދޫ ނިކުންނާނީ ހެނބަދޫއާ ދެކޮޅަށެވެ.