12 Apr 2011, 12:56
ފުލުހުންނާއި ޝަރުއީ ދާއިރާ އަށް އިތުރު ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މި ބިލު ހުށަހަޅުއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މޫސާ މަނިކު ވިދާޅުވީ، ކުށް ކުރާ މީހާއާ މެދު ޝަރުއީ ދާއިރާ އިން ކަންތައްތައް ކުރިއަށް ގެންދަން ޖެހޭ ހުރިހާ މަރުހަލާއެއް ވަރަށް ސާފުކޮށް އެ ބިލުގައި ހިމަނާފައި ވާނެ ކަމަށެވެ.
"ބިލު ބިނާކުރެވިފައި ވަނީ ކުށުގައި މީހަކާ ދޭތެރޭ ފިޔަވަޅު އެޅުމުގައި އަޅަން ޖެހޭ އެންމެ ފުރަތަމަ ފިޔަވަޅުން ފެށިގެން ޝަރުއީ މަރުހަލާ ނިމުމާ ހަމައަށް ގެންދާންވީ އުސޫލުތައް ބަޔާންކޮށްގެން. މި ގާނޫނުގެ ސަބަބުން ތަހުގީގު ކުރެވޭނެ ގޮތާއި، ޝަރީއަތާ ހަމައަށް މީހަކު ގެންދެވޭނެ ގޮތާއި، ޕްރޮސިކިއުޓް ކުރެވޭ ގޮތުގެ ތަފްސީލުތައް ލިބިގެންދާނެ." މޫސަ ވިދާޅުވި އެވެ.
އަދި ވިދާޅުވީ، އެ ގާނޫނުގެ ދަށުން ޝަރީއަތުގެ މަރުހަލާގައި އިތުރު ތަހުގީގަކާ ނުލައި ޕްރޮސިކިއުޓާ ޖެނެރަލަށް، ވަގުތުން މައްސަލަ ހުށަހަޅައި އެމީހެއްގެ މައްޗަށް ދައުވާ ކުރުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ.
އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ، މުޖުތަމައުގައި ހިންގަމުން މިދާ ނޭދެވޭ ހުރިހާ ކަމެއްގެ ހައްލަކީ އިޖުރާއަތުގެ ބިލު ކަމުގައި ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، މި ބިލު ވެގެންދާނީ ކުށް ކުރުން ހުއްޓުވުމަށް ސަރުކާރުން ދައްކާ ބަހަނާތަކުން އެއް ބަހަނާ ހުއްޓުވޭނެ ބިލަކަށް ކަމަށެވެ.
"ވަރަށް ގިނަ ދުވަސް ވަންދެން އަޑު އިވިއްޖެ މިފަދަ ބިލެއް ނެތުމުގެ ސަބަބުން އަދުލުއިންސާފު ގާއިމު ކުރުމަށް ހުރަސްތަކެއް އެޅިފައިވާ ވާހަކަ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ހުރިހާ ކަމެއްގެ ހައްލަކީ މި ބިލެއްނޫން. މި ބިލު ނެތިގެނެއްނޫން ކުށްތަކާއި އެއްޗެހި އާއްމުވެފައި މި ވަނީ. ނަމަވެސް މި ބިލު ވެގެންދާނީ ސަރުކާރުން ދައްކާ ބަހަނާތަކުން އެއް ބަހަނާ ހުއްޓުވޭނެ ބިލަކަށް. އެއީވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް." މައުސޫމު ވިދާޅުވި އެވެ.
ދުއިސައްތަ ނަވާވީސް މާއްދާ ހިމެނޭ ޖިނާއީ އިޖްރާއަތުގެ ބިލުގައި، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ލިބިދޭ ހައްގުތައް ވަނީ ހިމަނައިފަ އެވެ. އަދި މިބިލުން ހަނު ހުރުމުގެ ހައްގު ހަނިކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.
ބިލުގައިވާ ގޮތުން ތަހުގީގީ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި، ތިމާއަކީ ކާކުކަން ބުނެދިނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ނުދީ ހަނު ހުރުމުގެ ހައްގު ލިބިދެ އެވެ. މިހާރު އަމަލު ކުރަމުންދާ އުސޫލާ ހިލާފަށް އެ ހައްގުގެ ބޭނުންކުރާ މީހުންގެ އިނގިލީގެ ނިޝާނާއި، ސޮޔާއި، އަތު ލިއުމުގެ ސާމްޕަލް ދިނުމާއި، ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދިނުމާއި، ޑީއެންއޭ އާއި އެހެނިހެން ޓެސްޓްތައް ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުމުގެ ފުރުސަތު އެ ހައްގުން ވަނީ އުނިކޮށްފަ އެވެ. މީގެ އިތުރުން ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ލިބިގެންވާ ހައްގު ތަކާއި ޝަރީއަތުގައި ބޭނުންކުރެވޭ ބަހާއި ކޯޓުތަކުގެ ވިރާސީ ބާރުތަކާއި، ކޯޓުގެ ހުއްދައާ އެކު ސިޓީ އާއި މެސެޖާއި ފޯންކޯލް އަޑުއެހުމާއި މީހުންގެ ޕާސްޕޯޓް ހިފޭއްޓޭނެ އުސޫލުތައް ވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައިވާ ގޮތުން ކުށްވެރިޔާއަށް ހެކިންނާ ސީދާ ސުވާލު ކުރުގެ ފުރުސަތު ލިބިދެ އެވެ. އަދި މީހުން މެރުމާއި، މަސްތުވާތަކެތީގެ މައްސަލަ ތަކާއި، މާރާމާރީ އާއި ޓެރަރިޒަމްގެ މައްސަލަ ތަކާއި، ވައްކަމާއި ޓެކުމާއި ފޭރުމާއި ހިޔާނާތްތެރި ވުމުގެ މައްސަލަ ތަކުގެ ތެރެއިން 500،000 ރ. އިން މަތީގެ މައްސަލަ ތަކާއި، ވަގު ނޫޓުގެ މައްސަލަ ތަކާއި، ދައުލަތުގެ މިނިވަންކަމަށް ގެއްލުންވާ ފަދަ މައްސަލަ ތަކާއި 25 އަހަރުގެ ޖަލު ހުކުމް ކަނޑައެޅިފައިވާ ކުށްތަކުގައި ގާނޫނީ ވަކީލެއް ހޯދޭފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް މި ބިލުގައި ބުނެފައިވެ އެވެ.