25 Dec 2015, 19:56
އެކާވިސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި، މައިލޯ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕް އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން، ޕޮލިސް ކްލަބުން ހޯދައިފި އެވެ.
ޖުމްލަ ތިން ޓީމު ވާދަކުރި އެ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހުން ހޯދީ ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި މޯލްޑިވިއަން ރިކްރިއޭޝަން ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-13، 25-18 އަދި 25-20 އިންނެވެ.
މެޗަށް ފަހު ވަނީ އެ މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން ހޮވައިފަ އެވެ.
އެ ކުޅުންތެރިންނަކީ، ޕޮލިސް ކްލަބުގެ ހައްވާ ސައުޝަން އާއި އެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހައްވާ ސާހާ އާއި ފާތިމަތު ޖޫޒާ ޒަރީރާއި، މޯލްޑިވިއަން ރިކްރިއޭޝަން ކްލަބުގެ ޝައުފާ އާދަމް އާއި އައިޝަތު ލުބްނާ އާއި މަރިޔަމް މިޒްނާ އެވެ.
މުބާރާތުގެ އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ، ހައްވާ ސާހާ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ޝުއައިބު އަހުމަދު އެވެ.
އެ މުބާރާތުގެ އަންހެން ޑިވިޜަންގައި، ޕޮލިސް ކުލަބުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވާދަކޮށްފައިވާ އިރު، އެޓީމުން ވަނީ 2013 ވަނަ އަހަރު އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް އެންމެ ފަހު ދެ އަހަރުގެ ޗެންޕިއަން އެފްޒެޑާއި މި މުބާރާތަށް އަލަށް ނުކުތް ވީކޭ ސްޕޯޓްސް ވަނީ ދަތުރު ކޮށްފަ އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު މިރޭ 8:00 ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގަ އެވެ.