25 Dec 2015, 18:51
މިހާރު ކުރިއަށްދާ ސާފު ސުޒުކީ ކަޕް 2015ގެ ފައިނަލް މެޗު ބަލައިލަން އިންޑިޔާއަށް ދިއުމަށް ދެޓިކެޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ސަންއިން މިއަދު ފަށައިފި އެވެ.
ސަން އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުން ދެ ޓިކެޓް ލިބޭނީ ސާފް ޖަހާފަ ހުސްތަންކޮޅެއް ދޫކޮށްފަ މޯލްޑިވިއަން ޖަހާފަ 8800 އަށް އެސްއެމްއެސް ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށެވެ. ދިރާގާ އުރީދޫ ކަސްޓަމަރުންވެސް އެސްއެމްއެސް ކުރާނީ މިގޮތަށެވެ.
ސަން މީޑިއާ ގްރޫޕުގެ ޖެނެރަލް މެނޭޖަރ ސޭލްސް އެންޑް މާކެޓިން، މިންހާ ފާއިޒު ވިދާޅުވި ގޮތުގައި މި ޕްރޮމޯޝަންގެ މަޤްސަދަކީ ސާފު ފުޓުބޯޅަ މުބާރާތުގެ ފޯރި ގަދަކޮށް ފައިނަލް މެޗު ބަލައިލަން ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ދިވެހި ގައުމީ ޓީމް މިފަހަރުގެ ސާފު ތަށި ކާމިޔާބު ކުރުން. އެހެން ކަމުން ދިވެހި ގައުމީ ޓީމު ފައިނަލުގައި ކުޅޭއިރު ވީހާވެސް ގިނަ ދިވެހިން ޓްރިވެންޑްރަމްގެ ސްޓޭޑިއަމަށްގޮސް ދިވެހި ޓީމަށް ސަޕޯޓް ދިނުމަކީ މުހިއްމު ކަމެއް." މިންހާ ވިދާޅުވިއެވެ.
މިންހާ އިތުރަށް ވިދާޅުވީ މި ޕްރޮމޯޝަނުގައި ބައިވެރި ވުމަށްޓަކައި އެއް ނަންބަރަކުން އެސްއެމްއެސް ކުރުމަށް ވަކި އަދަދެއް ކަނޑައެޅިފައި ނުވާ ކަމަށެވެ. އެހެން ކަމުން އެއް ނަންބަރަކުން ކިތަންމެ ގިނައިންވެސް އެސްއެމްއެސް ކުރެވިދާނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެސްއެމްއެސް ފޮނުވުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވަނަދުވަހުގެ ރޭ 12 ގަޑި ސުންމިނެޓެވެ. ފައިނަލު މެޗަށް އިންޑިޔާއަށް ދިއުމަށް ދެ ޓިކެޓް ލިބޭނީ އެސްއެމްއެސް ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ އެއްފަރާތަކަށެވެ. ގުރުއަތުން ހޮވޭ ފަރާތުން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ގޮތަކީ މާލެއިން ފުރުން 2 ޖެނުއަރީ އަދި ޓްރިވެންޑްރަމުން މާލެއަށް ފުރުން 5 ޖެނުއަރީ ގައެވެ. މި ޕްރޮމޯޝަނުގެ ޓިކެޓް ކާމިޔާބު ކުރާ ފަރާތް ތަކަށް މޯލްޑިވިއަންގެ ފްލައިޓުން ދަތުރުކުރުމުގެ ޖާގަ ސަން މީޑިއާ އާއި މޯލްޑިވިއަން ގުޅިގެން ވަނީ ހަމަޖައްސާފައެވެ.
ސާފު ސުޒުކީ ކަޕުގެ ފައިނަލު މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.