25 Dec 2015, 17:13
ގެސްޓު ހައުސް ވިޔަފާރިއަކީ މިއަދު މުޅި ރާއްޖޭގައި ގިނަ ބަޔަކު ކުރަމުން އަންނަ މަސައްކަތެކެވެ. އާމްދަނީގެ ގޮތުން ރަނގަޅު އެއްޗެއް ލިބޭ އެ ވިޔަފާރި ބަރޯސާވެފައި ވަނީ ފަތުރުވެރިންނަށެވެ. ފަތުރުވެރިން ނާންނަ ކަމަށްވާނަމަ ގެސްޓު ހައުސްތަކުގެ ވިޔަފާރި އަށް ލޮޅުން އަރަ އެވެ. ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިން އެންމެ ބޮޑަށް ބޭނުން ވަނީ ކައިރީގައި އޮންނަ ފަޅުރަށްތަކަށް ގޮސް މޫދަށް އެރުމާއި މޫދުގެ ތަފާތު ކުޅިވަރުތައް ކުޅުމެވެ.
އއ. އަތޮޅަކީ ވެސް ރާއްޖޭގައި ގެސްޓު ހައުސްގެ ވިޔަފާރު ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެއް އަތޮޅެވެ. އެ އަތޮޅުގެ ގެސްޓު ހައުސްތައް ވެސް ބަރޯސާވަނީ ހަމަ ފަތުރުވެރިންނަށެވެ. ނަމަވެސް މިއަދު އެ އަތޮޅުގެ ގެސްޓު ހައުސްތައް ވަނީ ވިޔަފާރި އަޑި އަޅާފާނެ ކަމުގެ ބިރު ހީވެފަ އެވެ. އަތޮޅުގެ ގިނަ ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިން ގޮވައިގެން އެންމެ ގިނައިން ގެސްޓު ހައުސްތަކުން ދާ މަޑިވަރު ފިނޮޅުގައި ރިސޯޓެއް ހަދަން ސަރުކާރުން އުޅެމުންދާތީ އެކަމާ ވިޔަފާރިވެރިން ތިބީ ކަންބޮޑުވެފަ އެވެ. އެ މީހުންގެ ވިޔަފާރިއަށް އެކަމުގެ ސަބަބުން އަސަރު ކުރާނެތީ އެވެ.

މަޑިވަރު ފިނޮޅުގައި އަންހެނަކު އޮށޯވެލައިގެން: މަޑިވަރު ފިނޮޅަކީ މަޑިވަރު ކައިރީގައި އޮންނަ ތަނެއް. މިތަންވެސް މިއީ ރިސޯޓުގެ ބައެއް -- ސަން ފޮޓޯ/ ކިޔުންތެރިއެއް
އއ. އަތޮޅުގެ ތިން ރަށް ކަމަށްވާ ރަސްދޫ އާއި ތޮއްދޫގެ އިތުރުން އުކުޅަހުގެ ގެސްޓު ހައުސްތަކުގައި 300 އެއްހާ އެނދު އެބަ ހުއްޓެވެ. ހުރިހާ ތަންތަނަކީ ވެސް ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ޓެކުހެއް ދައްކަމުން އަންނަ ތަންތަނެވެ. ގެސްޓު ހައުސްތަކުގެ އަދަދު އެ ތިން ރަށުގައި ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ނެވެ. ތިން ރަށުގެ ގެސްޓު ހައުސްތައް ޕްރޮމޯޓު ކުރުމަށްޓަކައި ބޭނުން ކުރަމުން އަންނަނީ މަޑިވަރު ފަޅާއި އެ ފަޅުގެ ވަށައިގެންވާ ސަރަހައްދެވެ. އެތަންތަން ބޭނުން ނުކުރެވޭނަމަ ތޮއްޑޫ ދާއިރާގެ ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެ އެވެ.
ރަސްދޫގައި ހިންގާ ގެސްޓު ހައުސްތަކުގެ ވެރިން ވަނީ އެކަމާ ގުޅޭ ގޮތުން އެބޭފުޅުންގެ ކަންބޮޑުވުންތައް "ސަން"އާ ހިއްސާކުރައްވާފަ އެވެ.

މަޑިވަރު ފިނޮޅުގައި ބަޔަކު މީހުން ފަތުރުވެރިން ގޮވައިގެން ދަތުރުގޮސްފައި -- ފޮޓޯ/ ފޭސްބުކް
ރަސްދޫގެ މަޝްހޫރު ގެސްޓު ހައުސެއް ކަމަށްވާ "ބަނާނާ ރެސިޑެންސް" ގެ މެނޭޖަރު އާދަމް ޝަކީލް "ސަން" އަށް ވިދާޅުވީ އއ. އަތޮޅުގައި ހިންގާ ހުރިހާ ގެސްޓު ހައުސްއެއް ވެސް ޕްރޮމޯޓު ކުރުމަށް މަޑިވަރު ފިނޮޅަކީ ވަރަށް މުހިއްމު ރަށެއް ކަމަށެވެ. އޭނާ ވިދާޅުވީ ހާއްސަކޮށް އެ ރަށުގެ ފަޅު ބޭރުގައި އިންނަ ހެމާހެޑު ޝާކު ޕޮއިންޓަކީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ޕޮއިންޓެއް ކަމަށެވެ. އާދަމް ވިދާޅުވީ އެ ޕޮއިންޓަކީ ޑައިވިން ކުރުމަށް ޔޫރަޕުންނާއި އެހެނިހެން ސަރަހައްދުތަކުން ވެސް ފަތުރުވެރިން ޒިޔާރަތް ކުރުމަކީ އެންމެންވެސް ދަންނަ ހަގީގަތެއް ކަމަށެވެ.
"ދެން މަޑިވަރުފިނޮޅު ސަރުކާރުން ނެގުމަށްފަހު އެތަން ރިސޯޓަކަށް ހެދީމަ އަޅުގަނޑުމެންގެ ގެސްޓު ހައުސްގެ ވިޔަފާރި ކިހާ ދަށްވާނެތޯ. މި ދެންނެވީ އަޅުގަނޑުމެންގެ ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިން ގޮވައިގެން އަޅުގަނޑުމެން އެ ތަންތަނަށް ދާ ސަބަބު. ފަތުރުވެރިންނަކީ އެފަދަ ތަންތަން ނުލާހިކު ބަލާ ހިތްވާ ބައެއް. ދެން އެތަނުގައި ރިސޯޓެއް ހެދުމުން އަޅުގަނޑުމެންގެ ގެސްޓު ހައުސްތައް ފަޅަކަށް ނޫންތޯ ވާނީ،" އާދަމް ވިދާޅުވި އެވެ.

މަޑިވަރު ފިނޮޅު: މި ރަށަކީ އއ. އަތޮޅުގެ ގެސްޓު ހައުސްތަކަށްދާ ފަތުރުވެރިން މަޖާކޮށް އުފާކުރާ މަންޒިލެއް -- ފޮޓޯ/ ފޭސްބުކް
ރަސްދޫ ކައުންސިލުން އެކަމާ ގުޅިގެން ބުނީ މަޑިވަރު ފިނޮޅުގައި ރިސޯޓެއް ހަދާ އއ. އަތޮޅުގެ ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިންނަށް އެރަށް ބޭނުން ނުކުރެވޭނެ ގޮތެއް ދިމާވާނެ ދުވަހަކީ މުޅި ތޮއްޑޫ ދާއިރެާގެ ގިނަ ރައްޔިތުންތަކަކށް ފޫނުބެއްދޭނެވަރުގެ ގެއްލުންތަކެއް ދިމާވާނެ ދުވަހެއް ކަމަށެވެ.
"ރައްޔިތުންތަކަކަށް އެފަދަ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކޮންމެ ކަމަކީ އެކަމާމެދު ސަރުކާރުން ވިސްނަވާ އެ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ސިޔާސަތު ބަދަލުކުރަންޖެހޭ ކަމެއްކަން ކައުންސިލުން ދެކެވެ." ރަސްދޫ ކައުންސިލުން ބުންޏެވެ.
ގެސްޓު ހައުސަކީ މިހާރު ރާއްޖޭގައި މެދުފަންތީގެ ގިނަ ވިޔަފާރިވެރިން ކުރަމުން އަންނަ މަސައްކަތަކަށްވާއިރު ސަރުކާރުން މެދުފަންތީގެ ވިޔަފާރިވެރިންގެ ވިޔަފާރިތައް އަޑިއަޅައިގެން ދާ ކަހަލަ ކަމެއް ކުރުމަކީ އެންމެ އެދެވިގެންވާ ކަމެއްތޯ އެވެ. މިއަދުގެ ސަރުކާރަކީ ގިނަ ވިޔަފާރިވެރިންތަކެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސަރުކާރަކަށްވާއިރު އއ. އަތޮޅުގެ ގެސްޓު ހައުސް ވިޔަފާރިވެރިންގެ އެ އާދޭސް އަޑު އެހުމަށްފަހު އެ މައްސަލައަށް އެހެން ގޮތެއް ނިންމުމަކީ ރަނގަޅު ކަމެކެވެ.