ކައުސާހިބާصلّى اللّـه عليه وسلّمއަށް އެއްރެޔަކު ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ.جبـريل الأميـنހަނދެއްފަދަ ރީތި އަންހެން ސޫރައެއް، ފެހިފަށުވި ސާލުކޮޅެއްގައި ގެންނަވައި، އިތުރު ސާހިބާގެ އަތްޕުޅަށް އެރުއްވީތީއެވެ.جبـريلގެފާނު ވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! މިއީ ކަލޭގެފާނުގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުންނެވެ." އެ ހަނދެއްފަދަ ރީތި އަންހެން ސޫރައަކީ،أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــهاގެ ސޫރަފުޅެވެ. އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ލޮބުވެތި އަނބިކަނބަލުންގެ ސޫރަފުޅެވެ.

+ + + + +

أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنــهاގެ ބައްޕާފުޅަކީ ޞަޙާބީއެކެވެ. އެކަމަނާގެ މައިކަނބަލުންނަކީ ޞަޙާބިއްޔާއެކެވެ. އެކަމަނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ކައުސާހިބާصلّى اللّـه عليه وسلّمގެ ނަބީކަމުގެ ފަސްވަނަ އަހަރުއެވެ. އެއަހަރުގެ ޝައްވާލުމަހު (ޖުލައި 614މ.) ގައެވެ. މާތްވެގެންވާ މައްކާގައެވެ. އެކަމަނާގެ ބަފައިކަލުންނަކީ،خليفة الرّسول أبوبكر الصّدّيق رضى اللّـه عنــهއެވެ. އެކަމަނާގެ ބަފައިކަލުންގެ ފަރާތްޕުޅުން އެކަމަނާގެ ނަސަބުފުޅުގެ ސިލްސިލާއަކީ،السّيّدة عائشة بنت أبى بكر (عبد اللّـه) بن أبى قحافة بن عامر بن عمرو بن كعب بن سعد بن تيم بن مرّةއެވެ. ނަސަބުފުޅުގެ މި ސިލްސިލާގައިވާގޮތުން، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ނަސަބަފުޅާއި،أمّ المؤمنين السّيّدة عائشة رضى اللّـه عنــهاގެ ނަސަބުފުޅާ ގުޅެނީ، އެކަމަނާގެ ހަތްވަނަ ކާފާފުޅުمرّة بن كعبއާ ހަމައިންނެވެ.

އެކަމަނާގެ މައިކަނބަލަކީالسّيّدة أمّ رومان رضى اللّـه عنــهاއެވެ.أمّ رومانގެ ފުރިހަމަ ނަންފުޅަކީزينبއެވެ. އެކަމަނާއަކީ،زينب بنت عامر بن عويمر بن عبد الشّمسއެވެ. މައިކަނބަލުންގެ ފަރާތްޕުޅުންأمّ المؤمنين السّيّدة عائشة رضى اللّـه عنــهاއާއި ކައުސާހިބާصلّى اللّـه عليه وسلّمގެ ނަސަބުފުޅާ ގުޅެނީأمّ المؤمنينގެ ބާރަވަނަ މާފާފުޅާ ހަމައިންނެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަކީ ޤުރައިޝުންގެ ތެރެއިން ޢިއްޒަތްތެރި ދަރިކޮޅެއްކަމުގައިވާ ތައިމުވަންހައިގެ ބޭކަނބަލެކެވެ. ޤުރައިޝުންގެ ވެރިކަމުގެ ބާރުތައް ބަހައިލެވިފައިވާއިރު، ތައިމުވަންހައިގެ މަސްއޫލިއްޔަތަކީ، މަރުގެ ދިޔައިގެގޮތުން އެއްކުރެވޭ މުދަލާއި، ފައިސާއާއި، އެތަކެއްޗާބެހޭ ހިސާބުކިތާބު ބެލެހެއްޓުމެވެ. އެކަމަނާގެ ކާފާފުޅާއި ބައްޕާފުޅަކީވެސް، މައްކާގެ މާތް ބޮޑުންނެވެ. އަތްޕުޅުމަތި ތަނަވަސް، ފޯރުންތެރި ބޭކަލުންނެވެ. ޢާއިލީ ޒިންމާތައް ލާޒިމުކުރާގޮތުން، އެވަންހައިގެ ބޮޑުންނަކީ ނަސަބުގެ ޢިލްމަށް އެންމެ އަރައިތިއްބަވާ ބޭކަލުންނެވެ.

ތުއްޕުޅުއިރު

އާދަޔާ ޚިލާފު މޮޅު ޝަޚްޞިއްޔަތުތަކަކީ، އެބަޔެއްގެ ޅަފަތުގައިވެސް ފާހަގަކޮށްލެވޭ ޚާއްޞަ، މަތިވެރި ސިފަތަކެއް ލިބިގެންވާ ބަޔެކެވެ. އެގޮތުން،أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަކީ އެކަމަނާގެ ތުއްޕުޅުއިރުވެސް ވަރަށް އާދަޔާ ޚިލާފު ތޫނު ވިސްނުންފުޅެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާއަކީ ފިޠުރީގޮތުން ހާޒިރުޖަވާބު ދެއްވުމުގެ އާދަޔާ ޚިލާފު ކުޅަދާނަފުޅުކަމެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. ދީނީ ޙުކުމްތައް ވިސްނައިވަޑައިގަތުމުގެ އާދަޔާ ޚިލާފު ކުޅަދާނަފުޅުކަމެއް ލިބިވަޑައިގެން އިންނެވި ބޭކަނބަލެކެކެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަށް ލިބިވަޑައިގެންފައިވާ ހާޒިރުޖަވާބު ދެއްވުމުގެ ކުޅަދާނަފުޅުކަން ދޭހަވާ ވަރަށްގިނަ ވާހަކަތަކެއް، ސީރަތުގެ ފޮތްތަކުގައި ވެއެވެ. އޭގެތެރެއިން އެއް ޙާދިޘާއެއް މިތާނގައި ނަކަލުކޮށްލާނަމެވެ.

أمّ المؤمنين، ކައުސާހިބާގެ ގަނޑުވަރަށް ވަޑައިގަތުމުގެ ކުރީގެ ޙާދިޘާއެކެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއެއްދުވަހަކުأبوبكر رضى اللّـه عنــهގެ ގަނޑުވަރަށް ވަޑައިގެންނެވިއިރު،السّيّدة عائشة رضى اللّـه عنــهاއިންނެވީ އެކަމަނާގެ ހޭމަތަކާ ކުޅުއްވުމުގައި މަޝްޣޫލުވެވަޑައިގެންނެވެ. އެކަމަނާ އެންމެ ކުޅުއްވާހިތްޕުޅުވާ ކުޅިވަރަކީ، އުނދޯލި ހެއްލެވުމާއި، ހޭމަތަކާ ކުޅުއްވުމެވެ.السّيّدة عائشةގެންގުޅުއްވި ކުޅޭއެއްޗެހީގެ ތެރޭގައި، ދެފިޔަހުރި އަހެއްވެސް އޮތެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެ އަހަށް އިޝާރަތްކުރައްވައި ސުވާލު ކުރެއްވިއެވެ.عائشةއެވެ! މިއީ ކޮންއެއްޗެއް ހެއްޔެވެ؟عائشة رضى اللّـه عنــهاވަގުތުން ޖަވާބު ދެއްވިއެވެ. މިއީ އަހެކެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. އަހުގައި ފިޔަވެސް ހުރޭހެއްޔެވެ؟عائشةވިދާޅުވިއެވެ. އާދޭހެވެ.سليمان عليه السّلامގެންގުޅުއްވި އަސްކޮޅެއްގައިވެސް ފިޔަ ހުރެއެވެ. އެކަމަނާގެ ކުއްލި ޖަވާބާއި މަޢުލޫމާތުގެ މުއްސަނދިކަމާމެދު، އިތުރު ސާހިބާ ހިނިވަރުނަކުރެއްވިއެވެ.

ކުޑަކުދިންގެ ޠަބީޢަތާ އެއްގޮތަށް އެކަމަނާ ކުޅިވަރަށްވެސް ޚާއްޞަ ޝައުޤުވެރިކަމެއް ދެއްވައެވެ. ނަމަވެސް، ތުއްޕުޅުއިރުވެސް އެކަމަނާގެ ވަށައިގެން ހިނގަމުންދާ ހުރިހާ ކަމަކަށް ވިސްނުންފުޅު ފޯރުއްވަވައެވެ. އެކަންކަމުގެ ޙަޤީޤަތް ހޯއްދަވައެވެ. ކުޅުއްވަން އުޅުއްވުމުގެ ތެރޭގައިވެސް، ކީރިތި ޤުރްއާނުގެ އާޔަތެއް ނުވަތަ މާތްރަސޫލާގެ ބަސްފުޅެއް އިވިވަޑައިގެންފިނަމަ ދަސްފުޅުކުރައްވައި، ސިކުނޑިފުޅުގެ ޚަޒާނާގައި ރައްކައުކުރައްވައެވެ.

ގިނަ މުއައްރިޚުން ވިދާޅުވާގޮތުގައި، އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمމަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވިއިރު،أمّ المؤمنينގެ ޢުމުރުފުޅަކީ އަށްއަހަރުފުޅެވެ. ނަމަވެސް، ހިޖްރައިގެ ޙާދިޘާ އެންމެ ތަފްޞީލުކޮށް ރިވާކުރައްވައިފައިވަނީ އެކަމަނާއެވެ.

ޢިލްމު އުނގެނިވަޑައިގަތުން

أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަކީ ދެ ޞަޙާބީންގެ އުނގުފުޅުގައި ތަރުބިޔަތު ލިބިވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާގެ ބައްޕާފުޅުأبوبكر رضى اللّـه عنــهއަކީ ޤުރައިޝުންގެ ތެރެއިން ނަސަބުގެ ޢިލްމާއި، ޅެންވެރިކަމުގެ އެންމެ ކުޅަދާނަފުޅު އެއްމާހިރެވެ. އެހެންކަމުން، ނަސަބުގެ ޢިލްމާއި، ޅެންވެރިކަމުގެ ޛައުޤަކީ،أمّ المؤمنينއަށް ވާރުތައިން ލިބިވަޑައިގެންފައިވާ ކަންކަމެވެ.

أبوبكر رضى اللّـه عنــهއެކަލޭގެފާނުންގެ ބޭފުޅުންގެ ތަރުބިޔަތަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވިއެވެ. ތާރީޚު ޢިލްމުވެރިން ވިދާޅުވާގޮތުގައި،أمّ المؤمنينމާތްރަސޫލާގެ ގަނޑުވަރަށް ވަޑައިގަތުމަށްފަހުވެސް، އެކަމަނާގެ ފަރާތްޕުޅުން، ބައްޕާފުޅު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާނެ ކަމެއް ހިނގައިފާނެތީ ބިރުފުޅުގެންވަޑައިގަނެއެވެ.

أمّ المؤمنين السّيّدة عائشة رضى اللّـه عنــهاކައުސާހިބާصلّى اللّـه عليه وسلّمގެ ގަނޑުވަރަށް ވަޑައިގަތީ، ތަޢުލީމާއި ތަރުބިޔަތުގެ ޢުމުރުފުޅުގައެވެ. އެހެންކަމުން، ކައުސާހިބާވެސް އެކަމަނާއަށް ޢިލްމު އުނގަންނަވައިދެއްވަން ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އިތުރު ސާހިބާ ތަރުބިޔަތު ކުރައްވަމުން ގެންދެވި އިސްލާމީ ބޮޑު އުންމަތުގެ ޖިންސުއްލަޠީފުންގެ އެދުރުބޭކަނބަލަކަށް ހެއްދެވުމަށް އެކަމަނާ ތަރުބިޔަތު ކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمމުސްލިމް އަންހެނުންނަށް ޢިލްމު އުނގަންނައިދެއްވާ މުދައްރިސާއިން ކަމުގައި ހެއްދެވީأمّهات المؤمنينއެވެ.أمّ المؤمنين السّيّدة عائشة رضى اللّـه عنــهاއަށް ލިބިވަޑައިގެންފައިވާ ދީނީ ކަންތަކުގެ ފަހުމާއި އިޖްތިހާދު ކުރެއްވުމުގެ ޤާބިލިއްޔަތު އިތުރު ސާހިބާއަށް ފުރިހަމައަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން، އެކަމަނާއަށް ޢިލްމު އުނގަންނައިދެއްވަން ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ތަފްސީރު ޢިލްމާއި، ޙަދީޘު ޢިލްމާއި، ފިޤުހު ޢިލްމާއި، ޢަޤީދާއާއި، އަސްރާރުއްދީނާއި، އިސްލާމީ ތާރީޚާއި އަންހެނުންނާބެހޭ ޚާއްޞަ މައްސަލަތަކުގެ ތެރެއަށްأمّ المؤمنينއާ އެއްވަރަށް ވެދެވަޑައިގެންނެވިފައިވަނީ ޞަޙާބީންގެ ޢިލްމުވެރިންގެ ތެރެއިންވެސް ދާދި މަދު ބޭކަލަކަށެވެ.

ކާވެނިފުޅު

ކައުސާހިބާصلّى اللّـه عليه وسلّمއާއި،السّيّدة عائشة رضى اللّـه عنــهاއާ ދެކަނބަލުންގެ ކާވެނިފުޅުގެ މެދުވެރިޔަކަށް ވެވަޑައިގަތީ މަޝްހޫރު ޞަޙާބީއެއް ކަމުގައިވާعثمان بن مظعون رضى اللّـه عنــهގެ އަނބިކަނބަލުންخولة بنت حكيم رضى اللّـه عنــهاއެވެ.

އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ ލޮބުވެތި އަނބިކަނބަލުންأمّ المؤمنين السّيّدة خديجة رضى اللّـه عنــهاއަވަހާރަވުމުން، އިތުރު ސާހިބާއަށް ލިބިވަޑައިގަތީ ވަރަށް ފުން ހިތާމަފުޅެކެވެ. އިތުރު ސާހިބާގެ ޞަޙާބިއްޔާތުންނާއި ޞަޙާބީންވެސް އެކަމާ ވަރަށްބޮޑަށް ފިކުރުފުޅު ހިންގަވަން ޖެހިވަޑައިގެންނެވިއެވެ. އެހެންކަމުން،خولـةއިތުރު ސާހިބާގެ އަރިހަށް ވަޑައިގެން ދެވަނަ ކާވެނިފުޅެއް ކުރެއްވުމުގެ ޚިޔާލުފުޅު ހުށަހެޅުއްވިއެވެ. ކައުސާހިބާ އެކަމާ ރުހިވަޑައިގަތުމުން،خولـةވިދާޅުވިއެވެ. އަޅުގަނޑުގެ ވިސްނުމުގައި ދެ ނަންފުޅެއް އެބައުޅެއެވެ. އެއްބޭކަނބަލަކީ ހުވަފަތްވެވަޑައިގެންފައި އިންނެވި ބޭކަނބަލެކެވެ. އަނެއް ބޭކަނބަލަކީ ބިކުރުވެރި ބޭކަނބަލެކެވެ. ކަލޭގެފާނުގެ އެކުވެރިޔާأبـوبكر رضى اللّـه عنــهގެ ދަރިކަނބަލުންالسّيّدة عائشةއެވެ. އިތުރު ސާހިބާ އެ ދެފަރާތާވެސް ވާހަކަދެއްކެވުންخولـةއާ ޙަވާލުކުރެއްވިއެވެ.

السّيّدة عائشة رضى اللّـه عنــهاގެ ކާވެނިފުޅާ ބެހޭގޮތުންأبـوبكرގެފާނު ކުރިން ވަޢުދުވެވަޑައިގެންފައިއޮތީ، އެކަމަނާގެ ކާވެނިފުޅުجبير بن مطعم بن عدىއަށް ދެއްވުމަށެވެ.جبيرއާއިعائشةގެފާނާ ވަނީ ގާލިހުކުރެވިފައެވެ.جبيرގެ ޢާއިލާއިން އޭރަކު އަދި އިސްލާމްދީން ޤަބޫލެއް ނުކުރެއެވެ. އެހެންކަމާއެކުވެސް، އިތުރު ސާހިބާ އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގަތުމުން،أبـوبكرގެފާނު ގަސްދުކުރެއްވީ،جبيرގެ ބައްޕަمطعمއާ އެކަމާބެހޭގޮތުން ވާހަކަދެއްކެވުމަށެވެ. އެކަލޭގެފާނުގެ ވަޢުދުފުޅަށް ޙުރުމަތްތެރިކޮށް ހިތްތެވުމުގެ ގޮތުންނެވެ.أبـوبكررضى اللّـه عنــه،مطعمގެ ގެއަށް ވަޑައިގެން ވާހަކަދެއްކެވުމުން،مطعم بن عدىގެ އަންހެނުން އެ ކާވެނިފުޅާމެދު އިންކާރު ކުރިއެވެ.عائشةގެފާނު އެގެއަށް ވަޑައިގެންފިނަމަ، އެގެއަށް އިސްލާމްދީން ވަދެދާނެތީއެވެ. އެހެންކަމުންجبيرއާއިعائشةގެފާނުގެ ގާލިހު ރޫޅައިލެވުނެވެ.

(ނުނިމޭ)