އެމްޓީސީސީން ރާއްޖޭގައި ދެމުން އަންނަ އެއްގަމު އަދި ކަނޑު ދަތުރުފަތުރުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވިސްނުން އެބަހުރިކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

ތިނަދޫގައި އެ ކުންފުނިން ހިންގާ ތަރައްގީގެ މަޝްރޫތަކެއްގައި ސަރުކާރާއެކު ސޮއިކުރުމަށް އިއްޔެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ހަލީމް ވިދާޅުވީ، ދަތުރުފަތުރުގެ ދާއިރާއަކީ އެ ކުންފުނިން ވަރަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ދާއިރާއެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެމްޓީސީސީ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަން ވިސްނަމުން އަންނަ ކަމަށާއި އެކަމުގެ މަސައްކަތް ސަރުކާރާއެކު ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ހުވަދު އަތޮޅަކީ ވެސް އެ ކުންފުނިން ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ވަރަށް ޝައުގުވެރިވާ އަތޮޅެއް ކަމަށާއި އެކަމުގެ މަޝްވަރާތައް މިހާރު ސަރުކާރާ އެކުގައި ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން މި އަހަރު ތ. އަތޮޅާއި ލ. އަތޮޅުގައި ވެސް އެ ކުންފުނީގެ ދަތުރުފަތުރުގެ ހިދުމަތް ފަށާފައިވާ ކަން ހަލީމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެމެންގެ އަމާޒަކީ ރައްޔިތުން ހިތްހަމަޖެހޭ ފަދަ ބަސްތަކާ ފެރީތައް ގެނެސްގެން ރާއްޖޭގައި ފަތުރުފަތުރުގެ ހިދުމަތް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިނުން. " ހަލީމް ވިދާޅުވި އެވެ.

އެ ކުންފުނިން މިހާރު ދަތުރުފަތުރުގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެނީ މާލެ ސަރަހައްދުގައި އެކަންޏެވެ.

ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު އަދި އިކޮނޮމިކް ކައުންސިލްގެ މަޝްވަރާއާ އެކު ކަމަށް ހަލީމް ވިދާޅުވި އެވެ. އެހެންކަމުން ދަތުރުފަތުރުގެ ދާއިރާގައި ރާއްޖެ އަށް އެކަށީގެންވާ ހައްލުތަކެއް އެމްޓީސީސީ އަށް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.