25 Dec 2015, 11:45
އެޗްއައިވީ އެއިޑްސް އެމީހަކަށް އޮތް މިންވަރު ދެނެގަތުމަށް އެހީތެރިވެދޭ އެޕްލިކޭޝަނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ޔޫތު މޫމެންޓް ގުޅިގެން ތައާރަފްކޮށްފިއެވެ.
އާޓް ގެލެރީގައި ރޭ ބޭއްވި ހަފުލާއެއްގައި އެ އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ޔޫއެންއެފްޕީއޭގެ އެސިސްޓެންޓް ރެޕްރެޒެންޓެޓިވް ޝާދިޔާ އިބުރާހީމެވެ. އެޕް ތައާރަފްކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޝާދިޔާ ވިދާޅުވީ ކޮންފިޑެންޝަލްކޮށް (އެހެންމީހުންނަށް ނޭނގޭ ގޮތަށް) އެޕެއްގެ ޒަރިއްޔާއިން މައުލޫމާތު ލިބޭ ގޮތް ވުމަކީ ޒުވާނުންނަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގެ ޓެލެކޮމް ޕާޓްނަރަކީ ދިރާގެވެ.
'އެންގޭތަ' އެޕްއަކީ ކޮންމެ މީހަކަށް ވެސް، އެ ކުއްޖަކަށް ނުވަތަ މީހަކަށް އެޗްއައިވީ ޖެހުމަށް ހުރި ނުރައްކާ ނުވަތަ ރިސްކު ދައްކައިދޭ އެޕެކެވެ. އެ އެޕުން އެމީހެއްގެ އެޗްއައިވީ ރިސްކު ކުޑަކުރުމަށް އަމަލުތައް ބަހައްޓަންވީ ގޮތާއި، އެޗްއައިވީ އަދި ޖިންސީ ގުޅުމުން އަރާ އެހެނިހެން ބަލިތަކާ ބެހޭ މައުލޫމާތު ލިބޭ އިރު، އެޗްއައިވީއާ ގުޅުން ހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ހިމެނޭނެއެވެ.
އެއީ ފުރާވަރުގެ ކުދިންނާއި ޒުވާނުންނާއި ހަމައަށް، އެކުދިންގެ ތެރޭގައި މަޤުބޫލު، ގިނަ ކުދިން ބޭނުންކުރާ ފޯމެޓަކަށް ގެނެސްދިނުމަށް ތައްޔާރު ކޮށްފައިވާ އެޕެއް ކަމަށް ދިރާގުން ކުރިން އާއްމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އޮފިޝަލަކު ކުރިން ވިދާޅުވީ މިވަގުތު އެޗްއައިވީ ޖެހިފައި ތިބި މީހުން ރާއްޖޭގައި މަދު ނަވަމެސް އެ ބައްޔަށް މަގުފަހިވާ އަމަލުތައް މުޖުތަމައުގެ ތެރޭގައި ޚާއްސަކޮށް ޒުވާނުންގެ ތެރޭގައި ގިނަ ކަމަށެވެ.
އެހެންނަމަވެސް، ތިމާއަށް ބަލިޖެހޭ ފަދަ ގޮތަކަށް އަމަލު ބެހެއްޓުނު ކަމަށް ވިޔަސް ބަލި ޖެހުމުގެ ފުރުސަތު ނެތް ކަމަށް ނުވަތަ ކުޑަކަމަށް ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަ ކަމަށާއި އެޗްއައިވީ ފަދަ ބަލިތައް ރާއްޖޭގައި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.