25 Dec 2015, 11:14
ޓްރިވެންޑްރަމް، އިންޑިއާ (25 ޑިސެންބަރު) -ޓީމުގައި ނުކުޅެވޭ ވަރުގެ އެއްވެސް ކުޅުންތެރިއަކު ނުހުންނާނޭ ކަމަށާއި އިއްޔެ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހުވެސް ޓީމުގެ ހުރިހާ ކުޅުންތެރީންވެސް ތިބީ ވަރަށް ފިޓްކޮށް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ފިޒީޝަން އަހްމަދު ޝަކީބު ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު، 24، 2015: އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕުގައި ބޫޓާނާ ދެކޮޅަށް ދިވެހި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޝަކީބު މީގެ ކުރީންވެސް ވަނީ، މިފަހަރުގެ ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފިޓް ޓީމަކަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ވާނެކަމަށް ވިދާޅުވެފައެވެ.
"އިއްޔެގެ މެޗަށް ބަލާލީމަ އެނގޭނެ އަޅުގަނޑުމެންގެ ކުޅުންތެރީންގެ ފިޓްނަސް. އެންމެ ފަހަރަކު ކުޅުންތެރިއަކަށް ފަރުވާދޭން ދަނޑަށް އަރާލަން ޖެހުނީ،" ކުޅުންތެރީންގެ ފިޓްނަސްއާ ބެހޭގޮތުން ގައުމީ ޓީމުގެ ފިޒީޝަން ވިދާޅުވި އެވެ.

ޑިސެމްބަރު، 24، 2015: އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕުގައި ބޫޓާނާ ދެކޮޅަށް ދިވެހި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އޭނާ ވިދާޅުވީ، ގައުމީ ޓީމުގެ ފިޓްނަސް ލެވެލް ހުރީ "އިރާދަކުރެއްވިއްޔާ މިއިން ދުވަހަކުވެސް ނުފެންނަހާ ރަނގަޅަށް" ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭވަރުގެ އަނިޔާއެއް ލިބިފައވާ އެއްވެސް ކުޅުންތެރިއަކު ނެތްކަމަށް ވެސް ޝަކީބު ވިދާޅުވި އެވެ.
އިއްޔެގެ މެޗާ ބެހޭގޮތުން ގައުމީ ޓީމުގެ ކޯޗު ރިކީ ހާބާޓުވެސް ވަނީ، އޭނާ ބޭނުންވިފަދަ ޕާސިން ގޭމެއް ޓީމުލައްވައި ކުޅެވުނު ކަމަށް ބުނެފައެވެ.