12 Apr 2011, 12:40
މާލެ އިން ނ. އަތޮޅު މިލަދޫ އަށް ދަތުރުކުރި ބޯޓަކުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިލަދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ އެ ރަށުގެ އުމުރުން 20 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތަރު ޕެކެޓާއި ހަޝިޝް އޮއިލް ކަމަށް ބެލެވޭ 11 ސެލޯފިން ޕެކެޓް އެ ޒުވާނާގެ އަތުން ފެނިފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"އޭނާ ބޯޓުން ފޭބިތަނާހެއް ފުލުހުން ފާސްކުރި ކުރުމުން، މި ތަކެތި މި ފެނުނީ. މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި،"
ފުލުހުން ބުނީ އެ ޒުވާނާ މިލަދު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުން ލިބުމާ އެކު، އިއްޔެ އޭނާ އަތުލައިގަތުމުގެ އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެ އެވެ.