ނަސާރާއިންގެ ބޮޑު އީދެއް ކަމަށްވާ ކްރިމަސްގެ މަޖާ ގަނޑު ފެށެންވާއިރަށް ރާއްޖޭގައި ތިބުމަށް އުއްމީދު ކުރި އިނގިރޭސިންގެ 300 ވަރަކަށް މީހުން ރޭ ނިދީ ސަސެކްސްގައިވާ ހޮޓަލެއްގަ އެވެ.

އަނެއްކޮޅުން ރާއްޖޭން އެނބުރި އިނގިރޭސިވިލާތަށް ދާން ތިބި މީހުންނަށް ދެން އަމިއްލަ ފަސްގަނޑުގައި ފައި ޖެއްސޭނެ ކަމަށް ބެލެވެނީ އިނގިރޭސި ރާނީ "ކްރިމަސް ތަގުރީރު" ކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

ބުރާސްފަތި ދުވަހު ރާއްޖެއަށް އަންނަން އުއްމީދު ކުރި އެމީހުން ތާށިވީ އެމީހުން ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް ބްރިޓިޝް އެއާވޭސްގެ މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އެ މައްސަލައިގެ ސަބަބުން ދަތުރު ލަސްވީ 21 ގަޑި އިރަށެވެ.

"ގޭޓްވިކްގައި ތިބި ކަސްޓަމަރުންނާއި ދިވެހިރާއްޖޭގައި ތިބި ކަސްޓަމަރުންނަށް ވެސް ވީހާ ރަނގަޅަކަށް ކަންތައްތައް ކޮށްދެވޭތޯ އަހަރެމެން މި ބަލަނީ. އަދި އެމީހުންގެ ފަހު މަންޒިލަށް ވީހާވެސް އަވަހަކަށް ގެންދެވޭތޯ އަހަރެމެން މިއުޅެނީ،" އިނގިރޭސި ވެބްސައިޓެއް ކަމަށްވާ މެޓްރޯ އަށް ދިން އިންޓަވިއުއެއްގައި ބްރިޓިޝް އެއާވޭސްގެ ތަރުޖަމާނަކު ބުންޏެވެ.