ޝްރީލަންކާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނަސް އެ މެޗް އިންޑިއާއަށް ފަސޭހަ ނުވާނެ ކަމަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ސްޓެފަން ކޮންސްޓެޓައިން ބުނެފިއެވެ.

ސާފް ސުޒުކީ ކަޕް ގުރޫޕް 'އޭ' ގައި މިއަދު ލަންކާއާ ދެކޮޅަށް ނިކުތުމުގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން ސްޓެފަން ބުނީ، ލަންކާ ޓީމަކީ ޑިފެންސްކޮންގެން ކައުންޓަ އެޓޭކުގައި ނުރައްކާ ކުރާ ޓީމެއް ކަމަށާއި އެހެންވެ މިއަދުގެ މެޗް އިންޑިއާ ޓީމަށް ފަސޭހަ ވާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ކޮންސްޓެޓެއިން ބުނީ، ލަންކާ ޓީމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިން އެބަތިބިކަމަށާއި އިންޑިއާއާ ދެކޮޅަށް ނިކުންނައިރު ލަންކާގެ ކުޅުންތެރިން އިތުރަށް ހިތްވަރުލައި 'ކުރެވެން ހުރި ހުރިހާކަމެއް' ކުރާނެ ކަމަށެވެ.

އެހެންވެ އިންޑިއާ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެ މެޗަށް ފޯކަސް ކުރަންޖެހޭކަމަށް ކޮންސްޓެޓެއިން ބުންޏެވެ.

"އެމީހުން ކުޅެނީ ޑިފެންސިވް ފޯމޭޝަނެއްގައި. އަދި ޑިފެންސްކޮށްގެން ލިބޭ ކައުންޓައެޓޭކުގައި އެޓީމުން އަހަރެމެންނަށް ނުރައްކާ ކުރާނެ. އެޓީމުގައި އެބަތިބި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިން. އަހަރެމެންނަށް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ. އަހަރެން ގަބޫލުކުރަނީ މިއަދު އެޓީމުން ވަރަށް ހިތްވަރުލައި އެމީހުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް. އެހެންވެ އަހަރެމެން ތިބެން ޖެހޭނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން،" ލަންކާ ޓީމާގުޅޭގޮތުން ވާހަކަ ދައްކަމުން އިންޑިއާ ކޯޗް ބުންޏެވެ.

އިންޑިއާއަށް އަނިޔާގެ ބައެއް މައްސަލަތައް ކުރިމަތިވެފައިވާއިރު އެޓީމުގެ މުހިންމު ކުޅުންތެރިން ކަމުގައިވާ ސަންދޭޖިންހަންއާއި ކެވިން ލޯބޯއާއި ސީޓޭސަން ސިންހްއަށް އަނިޔާގެ ސަބަބުން ޓީމުގައި ނުހިމެނުނުކަން ކޮންސްޓެޓެއިން ފާހަގަ ކުރިއެވެ.