ތުޅާދޫ ބަނދަރުގައި އަޅާފައި އޮތް މާލެ ދަތުރުކުރާ ބޯޓެއްގައި އަލިފާން ރޯވެ، އަނދައިފި އެވެ.

އަލިފާން ރޯވެ އަނދާފައި ވަނީ އޭދަފުށީ މީހެއްގެ ބޯޓެއް ކަމަށްވާ "ނިޔާމަ" ބޯޓުގަ އެވެ. ރޭ މެންދަމު 2:30 އެހާކަންހާއިރު އެ ހާދިސާ ހިނގިއިރު، ބޯޓުގައި ބިދޭސީ ފަސް މީހަކު ތިބި ކަމަށާއި އެ މީހުން ސަލާމަތްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ނިޔާމަ" ބޯޓު

ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ ބޯޓުގައި ރޯވި އަލިފާން ނިއްވާލެވުނީ ފަތިހު 4:30 އެހާކަންހާއިރު ކަމަށާއި އަލިފާން ނިއްވާލެވުނުއިރު، ބޯޓުގެ ބޮޑުބައި އަނދައި ހުލިވެފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު، ބޯޓުގައި މުދަލެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަލިފާން ރޯވިއިރު، އެ ބޯޓުގައި ފަސް ބިދޭސީއަކު ތިބި. އެ މީހުން ބުނަނީ ބާރު އަޑެއް އިވިގެން ބަލައިލިއިރު، ރޯވެފައިވާ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ނިޔާމަ ބޯޓުގައި ރޯވި އަލިފާން ނިއްވާލީ ތުޅާދޫ ރައްޔިތުންނާއި އެ ރަށުގައި ތިބޭ ފުލުހުން ގުޅިގެންނެވެ.