25 Dec 2015, 01:07
މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އަށް އަނެއްކާވެސް ޒުވާނުންތަކެއް ސޮއިކޮށްފިއެވެ.
ރޭ އެމްޑީއޭގެ "ޒުވާނުންގެ އުންމީދު" ޖަގަހައިގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަހްމަދު ރީހާން ވަނީ އަލަށް އެ ޕާޓީއާ ގުޅުނު މީހުންގެ ފޯމުތައް އެ ޕާޓީގެ ރަޖިސްޓްރާ މުހައްމަދު އުމަރާ ހަވާލުކޮށްފައެވެ.
އެމްޑީއޭއާ ރޭ އެކަނިވެސް 150 އަށް ވުރެ ގިނަ ޒުވާނުން ގުޅިފައިވާ ކަމަށް އެޕާޓީގެ ޒުވާނުންގެ މަޖިލީހުގެ ރައީސް ރީހާން ވިދާޅުވިއެވެ.
ރީހާން ވިދާޅުވީ ދުވަހެއް ދުވަހަކަށް އެޕާޓީއާ ގުޅެމުން އަންނަ މީހުންގެ އަދަދަދު ދަނީ އިތުރުވަމުން ކަމަށާއި އެކަމުގެ ސިއްރަކީ އެޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ސިޔާސަތުތަކާއި އޭނާ ޒުވާނުންނާ މެދު ބަހައްޓަވާ ގާތްގުޅުން ކަމަށެވެ.
އޭނާ ވިދާޅުވީ އެޕާޓީން މަސައްކަތް ކުރަނީ 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 80 ޕަސެންޓު ވޯޓާއެކު ފުރަތަމަ ބުރުން އެމްޑީއޭގެ 100 ޕަސެންޓު ހިއްސާއާ އެކު ރައީސް ޔަމިނަށް 2018 ގެ އިންތިޚާބު ކާމިޔާބުކޮށްދޭނަން،" ރީހާން ވިދާޅުވިއެވެ.
ފެށުނީއްސުރެ ރައީސް ޔާމީންގެ ސަރުކާރާއެކު ދެގޮތެއްނުވެ ހުންނެވި ހަމައެކަނި ލީޑަރަކީ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.