މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބ. އޭދަފުއްޓާއި ރ. ދުވާފަރު ކުޅުނު މެޗްގައި ދުވާފަރު ޓީމްގެ ދެ ކުޅުންތެރިއެއްގެ ފަރާތުން ކުޅިވަރުގެ ރޫހާއި ފުޓްބޯޅައިގެ ގަވާއިދާ ޚިލާފް ކަންތައްތަކެއް ފެނިފައިވާތީވެ އެފްއޭއެމްއިން އެ ދެ ކުޅުންތެރިން ސަސްޕެންޑްކޮށް ޖޫރިމަނާ ކޮށްފި އެވެ.

އެ މުބާރާތުގެ ދެވަނަ ބުރުގައި މިމަހުގެ 15 ވަނަ ދުވަހު އޭދަފުށީގައި ކުޅުނު މެޗު ނިމުމުން ރެފްރީން ދަނޑުން ފޭބި ވަގުތު ދުވާފަރު ޓީމުގެ މުރުތާޒު މުހައްމަދު، މެޗުގެ ފޯތު ރެފްރީއަށް ފަހަތުން ގޮސް ހަމަލާ ދިނުމާއި ގުޅިގެން އެ މައްސަލަ ބެލުމަށް ފަހު އެ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން މުރުތާޒު ހަ މެޗަށް ސަސްޕެންޑް ކޮށް ފަސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރަން ވަނީ ނިންމައިފައެވެ.

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބ. އޭދަފުއްޓާއި ރ. ދުވާފަރު ކުޅުނު މެޗްގައި ސަޕޯޓަރުން ދަޑަށް އަރާ ހަމަނުޖެހުން ހިންގަނީ --- ފޮޓޯ: އޭދަފުށީޓައިމްސް

އަދި މުރުތާޒު ހުއްޓުވުމަށް ފުލުހުން މަސަތްކަތް ކުރުމުން ފުލުހުންނަށް ހަމަލާ ދިނުމާއި ގުޅިގެން އެ ޓީމުގެ ޙަސަން ސުޖާއު ވަނީ ހަތް މެޗަށް ސަސްޕެންޑް ކޮށް ހަ ހާސް ރުފިޔާއިން ޖޫރިމާނާ ކޮށްފައެވެ.

އެފްއޭއެމް އިން ބުނީ އެ ދެމައްސަލައަށް ގޮތެއް ނިންމާފައި އެ ވަނީ ރެފްރީންގެ ރިޕޯޓާއި، ފޮލިސް ރިޕޯޓާއި، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޯޑާއި އެ މުބާރާތުގެ ޤަވާއިދާއި، ފީފާގެ ޑިސިޕްލިނަރީ ކޯޑަށް ރިޢާޔަތް ކޮށްފައި ކަމަށެވެ.

ޑިސިޕްލިނަރީ ކޮމެޓީން އެ ފިޔަވަޅު އަޅަން ނިންމި ކަމުގައިވީ ނަމަވެސް އެކަމާއި ހިތް ހަމަ ނުޖެހޭނަމަ މިއަދުން ފެށިގެން ހަތް ދުވަސް ތެރޭގައި ޑިޕޮސިޓް ފައިސާ ދެއްކުމަށް ފަަހު އެ ދެ ކުޅުންތެރިންނަށް އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބ. އޭދަފުއްޓާއި ރ. ދުވާފަރު ކުޅުނު މެޗުގައި ސަޕޯޓަރުން ކައިރީގައި ފުލުހުން މަޑުކޮށްލައިގެން --- ފޮޓޯ: އޭދަފުށީޓައިމްސް

އެ މުބާރާތުގެ ދެވަނަ ބުރުގައި ޒޯން ތިނެއްގައި ހިމެނޭ ދުވާފަރާއި އޭދަފުށި ކުޅުނު މެޗް 0-2 ގެ ނަތީޖާއަކުން އޭދަފުށި މޮޅުވިއިރު މި ދެ ޓީމް ކުޅުންޖެހޭ މެޗްތަށް ދެން ކުޅޭވޭނީ ނިއުޓްރަލް ދަނޑެއްގައެވެ. އެގޮތުން ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާ މި ދެ ޓީމް ކުޅެންޖެހޭ ދެ ވަނަ މެޗު މާދަމާ ހިންނަވަރުގައި ކުޅޭ ގޮތަށް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ޗެމްޕިއަން ޓީމަކަށް އެއްލައްކަ އަދި ރަނަރަޕް ޓީމަކަށް ފަންސާސް ހާސް ރުފިޔާ ކަނޑައަޅާފައިވާ އެ މުބާރާތުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރުގެ ޒޯން ތިނެއް ފިޔަވައި އެހެން ހުރިހާ ޒޯނެއްގެ ޗެމްޕިއަން ޓީމްތަށް ވެސް ވަނީ މިހާރު ކަނޑައެޅިފައެވެ.

ފައިސާގެ އިނާމްގެ އިތުރުން އެމުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރުގެ ގައުމީ ފުޓްބޯޅަ މުބާރާތުން ޖާގަ ލިބޭނެ އެވެ.