ގދ. ފިޔޯރީގައި 100 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ސަރުކާރުން ފިޔޯރި ކައުންސިލަށް އެކަމުގެ ހުއްދަ ދީފި އެވެ.

ސަތޭކަ އެނދުގެ ސިޓީ ހޮޓަލް އެޅުމުގެ ހުއްދަ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓުރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. ފިޔޯރިގެ ފަރާތުން ސޮއިކުރެއްވީ އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އަހުމަދު އެވެ.

މުހައްމަދު އަހުމަދު މިރޭ "ސަން" އާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ 100 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ހަމަޖެހިފައި ވަނީ 50،000 އަކަފޫޓުގެ ބިމެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ އެތަން ހުޅުވިގެން ދިއުމުގެ ސަބަބުން 300 މީހުންގެ ވަޒީފާ އުފެދޭނެ ކަމަށެވެ.

ފިޔޯރީގައި އަޅާ ސިޓީ ހޮޓަލުގެ ހުއްދަތަކުގެ އެމްއޯޔޫގައި ޓޫރިޒަމް މިނިސްޓަރާއި ކައުންސިލްގެ ރައީސް ސޮއިކުރެއްވުމަށްފަހު ދެބޭފުޅުން ސަލާމް ކުރައްވަނީ: ފޮޓޯ/ ފިޔޯރީ ކައުންސިލް

"ޓޫރިޒަމް މިނިސްޓްރީން ވަނީ އެކަމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ބާރުތައް ކައުންސިލާ މިހާރު ހަވާލުކޮށްފައި. ދެން އަޅުގަނޑުމެން އުއްމީދު ކުރަނީ ސަރުކާރުން ދެންވެސް ސިޓީ ހޮޓަލާއި ގުޅުންހުރި ކަންކަމުގައި ސަރުކާރުން ކައުންސިލަށް އެއްބާރުލުން ދޭނެ ކަމަށް،" މުހައްމަދު ވިދާޅުވި އެވެ.

ފިޔޯރިއަކީ 1493 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މުހައްމަދު ވިދާޅުވީ 100 އެނދުގެ ސިޓީ ހޮޓާ ތަރައްގީ ކުރުމަކީ އެރަށަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ފިޔޯރީގައި ސިޓީ ހޮޓާ އަޅަން ނިންމާފައިވާ ސަރަހައްދު: އެ ސަރަހައްދަކީ 50،000 އަކފޫޓުގެ ސަރަހައްދެއް ކަމަށް ކަައުންސިލުން ބުނޭ -- ފޮޓޯ/ ކައުންސިލް

"އަޅުގަނޑުމެން މިކަން ކުރުމަށް މީގެ ތިން އަހަރު ކުރިން ވާނީ ރައްޔިތުންގެ ވޯޓެއް ނަގާފައި. އެ ވޯޓުން ވެސް އެނގިގެން ދިޔައީ ރައްޔިތުން މިފަދަ ކަމަކަށް ބޭނުންވި މިންވަރު،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރުވެސް ބޭރުގެ ދެތިން ކުންފުންޏަކުން އެ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.