25 Dec 2015, 11:40
ބާސެލޯނާގައި 10 ނަމްބަރު ޖާޒީގައި ކުޅުނު ރޮނާލްޑީނިއޯ އެ ކުލަބު ދޫކޮށްލުމުގެ ކުރިން، ކުޅެމުން އައި 10 ނަމްބަރު ޖާޒީގައި ކުޅުމަށް އެދުނު ކަމަށް ލިއޮނަލް މޭސީ ބުނެފި އެވެ.
ރޮނާލްޑިނިއޯ ބާސާގައި ހޭދަ ކުރި ހަ އަހަރު ތެރޭގައި ކުޅުނު 207 މެޗުގައި 94 ގޯލް ޖަހާދީފައިވާއިރު އެ ކުލަބު ދޫކޮށް ދިއުމުގެ މަހެއްހާ ދުވަސް ކުރިން އޭނާ ކުޅެމުން އައި 10 ނަމްބަރު ޖާޒީގައި ކުޅުމަށް އެދިފައިވާ ކަމަށާއި އެކަމަށް އެދުނު އިރުވެސް އޭނާ ހުރީ ވަރަށް ބޮޑަށް 10 ނަމްބަރު ޖާޒީ ބޭނުންވެފައި ކަމަށް ބާސާ ޓީވީ އަށް ދިން އިންޓަވިއު އެއްގައި މެސީ ބުނެފިއެވެ.
"ރޮނާލްޑޯ ވަނީ އެ ޖަޒީގައި ބާސާއަށް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފައި. އަހަރެން ކައިރީގައި 10 ނަމްބަރު ޖާޒީގައި ކުޅުމަށް އެދުމުން އަހަރެން އެކަމަށް އެއްވެސް ވަރަކަށް ވިސްނާވެސް ނުލައި އަހަރެން ވެސް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އެ ކަން ކުރީ،" މެސީ ބުންޏެވެ.
މެސީ ބުނީ ރޮނާލްޑީނިއޯ އެ ވާހަކަ އޭނާ ކައިރީގައި ބުނުމުން ރޮނާލްޑީނިއޯ އެ ޖާޒީގައި ހޯދާފައިވާ ކާމިޔާބީ ތަކަށް ވިސްނާލެވުނު ނަމަ ފަހަރުގައި އެ ޖާޒީ އޭނާ ނެގުމަށް ފަސްޖެހެން ޖެހުނީސް ކަމަށާއި އެއީ އޭނާ ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކުޅުންތެރިއެއް ކަމަށެވެ.
މެސީ ބުނީ ރޮނާލްޑީނިއޯ ބާސާ ދޫކޮށް ދިއުމުން ވަރަށް ދެރަވި ކަމަށާއި އޭނާގެ ފަރާތުން ނުހަނު ގިނަ ގުނަ އަޅާލުމާއި އެހޭތެރިކަން ލިބިފައިވާ ކަމަށާއި އެ ކަންތައްތަކަކީ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ދާނޭ ކަންތައްތަކެއް ނޫން ކަމަށެވެ.
ކެރިއަރުގައި ބާސާއާއެކު ހޯދާފައިވާ 26 ޓްރޮފީގެ ތެރެއިން 21 ޓްރޮފީ މެސީ މިހާރު ކުޅެމުން އެދާ 10 ނަމްބަރު ޖާޒީގައި ހޯދާފައިވާއިރު އޭނާ ވަނީ ހަތަރު އަހަރު ފީފާއިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ވެސް ހޯދާފައެވެ.
ފްރާންސްގެ ޕީއެސްޖީއިން 2003 ވަނަ އަހަރު ބާސާއާ ގުޅުނު ރޮނާލްޑިނިއޯ ވަނީ އެ ކުލަބާ އެކު ދެ ފަހަރު ސްޕެނިޝް ލީގާއި ކޮޕާ ޑެލެރޭ ކާމިޔާބް ކޮށް ޗެމެޕިއަންސް ލީގު އެއް ފަހަރު އުފުލާލާފައެވެ. އަދި 2008 ވަނަ އަހަރު އޭނާ ވަނީ އިޓަލީގެ އޭސީ މިލާނަށް ބަދަލުވެފަ އެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑިނިއޯ މިހާރު އެއްވެސް ކުލަބަކަށް ކުޅެމުން ނުދާއިރު އޭނާ ހޯދުމަށް މުއްސަނދި ގިނަ ކުލަބުތަކަކުން އަންނަނީ މަސަތްކަތް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރު ކޮންމެ ވެސް ކުލަބަކުން އޭނާ ފެނިގެންދާނެ ކަމަށް ރޮނާލްޑީނިއޯގެ އޭޖެންޓް ވަނީ މީގެ ކުރިން ބުނެފައެވެ.