އިންޑިޔާ ކަނޑުގެ ދަތުރުފަތުރަށް ބިރަކަށް ވެފައިވާ ސޯމާލިޔާގެ ކަނޑުފޭރޭމީހުންގެ ބަޔަކު ސޯމާލިޔާގެ އައްސޭރިފަށް ޕެޓްރޯލް ކުރަމުންދިޔަ އިނގިރޭސި ވިލާތުގެ މަނަވަރަކުން ހައްޔަރުކުރުމަށް ފަހު އެ މީހުންނަށް ކާނާއި ބޭސްފަރުވާ ދީފައި ދޫކޮށްލައިފި އެވެ.

ޑެއިލީ މެއިލް ބުނާ ގޮތުގައި އިނގިރޭސި ރޯޔަލް ނޭވީގެ މަނަވަރުގެ ސިފައިން ދޫކޮށްލި ކަނޑުފޭރޭ މީހުންގެ ގްރޫޕް ތިބީ އޭކޭ47 ގެ ރައިފަލާއި ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް ފަދަ ހަތިޔާރު ހިފައިގެންނެވެ. އަދި އެމީހުން ވަނީ މަސްވެރި އުޅަނދެއްގެ ފަޅުވެރިން ހައްޔަރުކުރުމަށް ފަހު އެމީހުން ލައްވާ އަޅުންގެ ގޮތުގައި ތިންމަސް ދުވަހު މަސައްކަތް ކުރުވާފަ އެވެ.

ނަމަވެސް އިނގިރޭސި ސިފައިން އެމީހުން ހައްޔަރުކުރުމުން ސިފައިންނަށް އަމުރު އައީ ފޭރޭމީހުންގެ މެޑިކަލް ޗެކަޕެއް ހެދުމަށް ފަހު އެމީހުންނަށް ހަލާލު ކާތަކެއްޗާއި ސިނގިރޭޓް އަދި ނިކޮޓިން ޕެޗް ފަދަ ތަކެތި ދިނުމަށް ފަހު ދޫކޮށްލުމަށެވެ.

އިނގިރޭސި ސިފައިން ކަނޑުފޭރޭ މީހުންނަށް މިކޮށްދިން އާދަޔާ ހިލާފު ހިދުމަތް ހާމަވީ އިނގިރޭސިވިލާތުގެ ރޭޑިއޯ ސްޓޭޝަނަކުން ހެދި ޑޮކިއުމެންޓްރީ ޕްރޮގްރާމަކުން ކަމަށް ޑެއިލީ މެއިލް ބުނެ އެވެ.

ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ، މީހުން ރަހީނު ކުރުމަށް ފަހު ފިދުޔައިގެ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް 60 މިލިޔަން ޕައުންޑް އަތުލާފައިވެ އެވެ. އަދި އެމީހުންގެ އަތް ދަށުގައި މިހާރުވެސް 30 އުޅަނދާއި 800 ފަޅުވެރިން އެބަތިއްބެވެ.

ކަނޑުފޭރޭ މީހުންނަށް ބޭސްފަރުވާއާއި ކާބޯތަކެތި ދިނުމަށް ފަހު އެމީހުންގެ ރަށްބޭރަށް ގެންގޮސް ދޫކޮށްލައިދިން އިނގިރޭސި މަނަވަރަކީ އެޗްއެމްއެސް ކޯންވޯލް އެވެ. ކަނޑުފޭރޭމީހުންނާ ބެހޭ މައުލޫމާތު މިދިޔަ ފެބްރުއަރީ މަހު އެމަނަވަރުގެ ސިފައިންނަށް ދިނީ ޔަމަނުގެ އާގުބޯޓެއްގެ ކެޕްޓަނެވެ.

ޔަމަނުގެ ބޯޓުން ދިން މައުލޫމާތާ ގުޅިގެން މަނަވަރުން ފޮނުވި ހެލިކޮޕްޓަރަށް ފެނުނީ ކަނޑުފޭރޭ މީހުން ޔަމަނުގެ ބޯޓެއް ހިފަހައްޓައިގެން އެބޯޓަކީ އެމީހުން އެހެން ބޯޓްފަހަރަށް ހަމަލާދިނުމަށް ބޭނުންކުރާ މަދަޝިޕެއްގެ ގޮތުގައި ބޭނުން ކުރަމުންދާ މަންޒަރެވެ. އެއާ އެކު މަނަވަރުގެ ސިފައިން ކުރި ވަރަށް ބުރަ މަސައްކަތަކުން ކަނޑުފޭރޭމީހުންގެ ގްރޫޕްގައި ހިމެނޭ 17 މީހުން ހައްޔަރު ކުރިއެވެ.

ކަނޑުފޭރޭމީހުންނާ ދެކޮޅަށް ދައުވާ ކުރުމަށް ބޭނުންވާ އެކަށީގެންވާ ހެއްކާ އެކު އެމީހުން ހައްޔަރު ކުރި ނަމަވެސް މަވަރުގެ ކެޕްޓަނަށް އެމީހުން ދޫކޮށްލުުމުގެ އަމުރު އައީ އޭނާއަށް ވުރެ މަތީ އޮފިސަރެއްގެ ފަރާތުންނެވެ.

ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ހޯދާ ފައިސާއިން ބޮޑު ބައެއް ޔޫރަޕްގެ ބައެއް ކުންފުނިތަކަށް ލިބޭ ވާހަކައާއި އެފަދަ ކުންފުނިތަކުން އެމީހުންނަށް އެހީ ވާހަކަ ތަންކޮޅެއް ކުރިން ފެތުރުނެވެ.