މިރެއިން ފެށިގެން ސްކޫލު ބަންދު ނިމެންދެން ފިހާރަތައް 11 ޖަހާއިރު ބަންދު ކުރާ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު މިރޭ "ސަން" އަށް ވިދާޅުވީ މިހާރު އޮންނަ އުސޫލަކީ ރޭގަނޑު 10:00ގައި ފިހާރަތައް ބަންދު ކުރުން ކަމަށާއި ނަމަވެސް އެ އުސޫލަށް މިރެއިން ފެށިގެން މިނިސްޓްރީން ބަދަލު ގެނެސްފައިވާ ކަމަށެވެ.

ތައުފީގު ވިދާޅުވީ މިރެއިން ފެށިގެން ރޭގަނޑު 11 ޖަހާއިރު ފިހާރަތައް ބަންދު ކުރާ ގޮތަށް ހަމަޖެއްސީ މިދުވަސްވަރުގެ ގޮތުން ކަމަށެވެ.

"މިދުވަސްވަރަކީ ސުކޫލު ސީޒަނަށް ވެފައި، މާލެއަށް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން އައިސްގެން އުޅޭތީ ވަރަށް ގިނަ ފަރާތްތަކުން އަންނަނީ މިނިސްޓްރީއަށް ރިކުއެސްޓު ކުރަމުން. އެހެންވެ އެގޮތަށް ހަމަޖެއްސީ،" ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރެއިން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ފިހާރަތައް ބަންދު ކުރާ ގަޑި ލަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެފަހުން ކުރިން އޮންނަ އޮތަށް ރޭގަނޑު 10:00 ގައި ފިހާރައް ބަންދުކުރަންޖެހޭނެ ކަމަށް ތައުފީގު ވިދާޅުވި އެވެ.

ފިހާރަތައް ރޭގަނޑު 10 އެއް ޖަހާއިރު ބަންދުކުރާ ގޮތަށް ހަމަޖެއްސީ މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު އެވެ.