24 Dec 2015, 19:36
މެޗަށް ނިކުތީ އޭނާ ބޭނުންވި ފިލޯސަފީއަށް ކުޅެ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި އެކަން ހާސިލުވުމުން ހިތް ހަމަޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ރިކީ ހާބަޓްް ބުނެފި އެވެ.
ސާފް ސުޒުކީ ކަޕްގެ ގުރޫޕް 'ބީ'ގެ ފުރަތަމަ މެޗްގައި ބޫޓާންގެ މައްޗަށް 3-1 ގެ ނަތީޖާއިން ކާމިޔާބު ހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ގައުމީ ކޯޗް ބުނީ ބަނގުލަދޭޝްއާ ދެކޮޅަށް ނިކުންނަން ޖެހޭ މެޗަކީ ވަރުގަދަ މެޗަކަށް ވާނެ ކަމަށެވެ.
ކޯޗް ބުނީ ބޫޓާން މެޗުން ލިބުނު ތަޖުރިބާގެ އަލީގައި ބަނގްލަދޭޝް މެޗަށް ތައްޔާރު ވާނެ ކަމަށެވެ.
ބަނގުލަދޭޝް ޓީމަކީ ވޯލްޑްކަޕް ކޮލިފައިންގައި ވަރުގަދަ މެޗްތަކެއް ކުޅެފައިވާ ޓީމަކަށް ވުމުން އެޓީމާ ދެކޮޅަށް ނިކުންނާނީ އެކަމަށް ތައްޔާރުވެގެން ކަމަށް ވެސް ކޯޗު ބުންޏެވެ.
ރާއްޖެއަށް ލިބުނު ތަނަވަސް ފުރުސަތުތައް ބޭނުން ނުކުރެވުނު ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން ކޯޗް ބުނީ އޭނާ ކުޅެން ބޭނުންވި ގޮތަށް ކުޅެ، ނަތީޖާ ނެރުވުމުން ހިތް ހަމަޖޭހޭ ކަމަށެވެ.
"އަހަރެންގެ ފިލޯސަފީއަކީ އެޓޭކް ކުރުން، އުފައްދާ ހުރިހާ އެޓޭކެއް ކާމިޔާބެއްވެސް ނުވާނެ. އެހެންވެ ގިނަ އެޓޭކް ތަކެއް ކުރެވުމުން ހިތް ހަމަޖެހޭ،" ހާބަޓް ބުންޏެވެ.
ރާއްޖެއާ ބަނގުލަދޭޝް ވާދަ ކުރާ މެޗް އޮންނާނީ އަންނަ ހޮނިހިރު ދުވަހު 3:00 ގައެވެ.