24 Dec 2015, 19:45
ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) ހުއްޓުވަން މާކިން ސްޓްރެޓެޖީއެއް ގެންގުޅުނު ކަމަށާއި ނަމަވެސް އޭނާ ހުއްޓުވަން ކުރި މަސައްކަތް ދިޔައީ 'ފަނުފުލުން' ކަމަށް ބޫޓާންގެ ކޯޗް ޕެމާ ޑޯޖީ ބުނެފި އެވެ.
ސާފް ސުޒުކީ ކަޕްގެ ގުރޫޕް 'ބީ'ގެ ފުރަތަމަ މެޗްގައި ރާއްޖެ އަތުން 3-1 ން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ޕެމާ ބުނީ ދަގަނޑޭ ހުއްޓުވުމުގައި އޭނާގެ ކުޅުންތެރިންނަށް ކުރެވުނު ކަމެއް ނެތް ކަމަށާއި އެޓީމަށް ލަނޑު ލިބުމުގެ ސަބަބުތަކުގެ ތެރޭގައި ދަނގަޑޭ ނުހިފެއްހެޓުން ހިމެނޭ ކަމަށެވެ.
"އަހަންނަށް ބުނެވިދާނެ އަޝްފާޤް ހުއްޓުވަން އަހަރެން ޕްލޭނެއް ގެންގުޅުނީމޭ. އެކަމަކު އޭނާ ނުހުއްޓުވެންޏާ މެޗަށް ކޮންމެ ގޮތެއްވެސް ވެދާނެ. މިވީ އެހެން،" ޑޮޖީ ބުންޏެވެ.
ރާއްޖޭގެ ޓީމުގެ ކޯޗް ރިކީ ހާބަޓް ބުނީ ދަގަނޑޭ ފެނުނީ ތާޒާ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށާއި ދަގަނޑޭއަކީ މެޗްގެ ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ.