24 Dec 2015, 18:40
ސާފް ސުޒުކީ ކަޕްގެ ގުރޫޕް 'ބީ'ގެ ފުރަތަމަ މެޗްގައި ރާއްޖެއަތުން ބަލިވީ މެޗްގައި ލިބުނު ދެ ފުރުސަތެއް ބޭނުން ނުކުރެވިގެންކަމަށް ބޫޓާން ޓީމުގެ ކޯޗް ޕެމާ ޑޯޖީ ބުނެފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޑޯޖީ ބުނީ، އެޓީމުގެ ދެ ފޯވަޑުން ކަމަށްވާ ޗެންޗޯ ގެއިލްސްޓަންއާއި ކަރުމާ ސެޑްރަޕްއަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ހިފުނުނަމަ ރާއްޖެއާ އެއްވަރު ކުރެވުނީސް ކަމަށެވެ.
އޭނާ ބުނީ، މިމެޗުން ބަލިވުމުން މުބާރާތުގައި ކުރިއަށް ދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި ނަމަވެސް ކުރިއަށް ހުރި މެޗްތަކުގައިވެސް ނަތީޖާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) ހުއްޓުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް އޭނާ ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބު ނުވީ ކަމަށް ޑޯޖީ ބުންޏެވެ.
ބޫޓާން ދެން ކުޅެންޖެހޭ މެޗްގައި މިއަންނަ ހޮނިހިރު ދުވަހު ނިކުންނާނީ އަފްޣާނިސްތާނާ ދެކޮޅާށެވެ.