25 Dec 2015, 09:30
މިއީ ދައްކާ ވާހަކައެކެވެ. މިއީ ދެރަކަމަކަށްވިޔަސް އެވާހަކައިގެ ހަޤީގަތް މެއެވެ. ޓްރިވެންޑްރަމްގައި އުޅޭ ބައެއް ދިވެހީން އަނެއްބައި ދިވެހީންނާ ގުޅުން ކުޑަ ކަމެވެ. ޓްރިވެންޑްރަމުގައި އުޅޭ ދިވެހީން އެންމެ ގިނައިން ފެންނަ ސަރަހައްދުގެ ތެރޭގައި ޗާލާ ބާޒާރާއި މެޑިކަލް ކޮލެޖްގައި ހުންނަ "ބީޖީ ކަޑަ" ސަރަހައްދު ހިމެނެއެވެ.
"ދިވެހިން ވަރަށް ގިނައިން ދިމާވާނެ. އެކަމަކު ދަންނަ މީހެއް ނޫން ވެއްޖިޔާ ވާހަކަވެސް ނުދައްކާނެ،" ރާއްޖެ އާއި ބޫޓާން ބައްދަލު ކުރި މެޗު ބަލަން އައި ދިވެސްސަކު ސަންއާ ވާހަކަ ދައްކަމުން ބުންޏެވެ.
އެއީ ކަމުގެ ހަގީގަތްމެއެވެ. ނަމަވެސް އިއްޔެއާއި ރޭ، އަދި މިއަދު މަގުމަތިން ދިމާވި ދިވެހިންގެ މިޒާޖު ވެސް ބަދަލުވެއްޖެ އެވެ. ދިމާވާ ކޮންމެ ދިވެއްސަކުހެން، ރާއްޖެ ދެން މެޗެއް ކުޅެނީ ކޮން އިރަކުންތޯ އާއި ކުރިއަށް ހުރި މެޗުތަކާ ބެހޭ ގޮތުން ސުވާލުކުރަން ފަށައިފި އެވެ.

ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގައި ދިވެހީންނަށް ޓިކްކެޓް ބަހަނީ -- ސަން ފޮޓޯ
ދަނޑަށް ވަންނަން ޓިކެޓް ހޯދަން ޖެހޭ ވާހަކައެވެ. ޓިކެޓް ހޯދަން ގުޅާނެ ނަބްބަރެއްގެ ވާހަކައެވެ. ކުރިން ބައްދަލުވިޔަސް ވާހަކަ ނުދައްކާ ބައެއް ދިވެހިން އެކަކު އަނެކަކު ފެނުނީމާ ގައުމީ ޓީމާބެހޭ ވާހަކަތައް ދައްކަން ފަށައިފި އެވެ.
"ކުރިން ވާހަކަ ވެސް ނުދައްކާނެ. އެކަމަކު ހަމަ ދިމާވި ދިވެހިން ދައްކަނީ މެޗްގެ ވާހަކަ. ޓިކެޓް ހޯދަންވެސް ބައެއް މީހުން ގުޅި،" ޓްރެވެންޑަރްމްގައި ދިރިއުޅޭ ދިވެއްސަކު އޭނާގެ ޝޫއުރޫތައް ހިއްސާ ކުރަމުން ބުންޏެވެ.

ޑިސެމްބަރު 23، 2015، ޓްރެވެންޑްރަމް، އިންޑިއާ: ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑިއާގެ ޓްރިވެންޑްރަމަށް އައުމުން، ގައުމީ ޓީމަށް ދިވެހީން ހޫނު މަރުހަބާއެއް ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މުބާރާތް ކަވަރު ކުރުމަށް ޓްރިވެންޑްރަމަށް އައި ދިވެހި މީޑިއާތަކުގެ ނޫސްވެރިން ފެނުމުންވެސް މިތަނުގައި އުޅޭ ބައެއް ދިވެހީން ވަނީ، ބޭރުގައުމެއްގައި އުޅޭއިރު، ދިވެހީންގެ ފަރާތުން ފެންނަން ޖެހޭ ގައުމީ ވަންތަކަން ނުފެންނަ ވާހަކަ ދައްކައިފަ އެވެ. އެހެން ނަމަވެސް، ސާފް ސުޒުކީ ކަޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ހިތްވަރު ދޭން ދަނޑަށް ދިއުމުގެ ފޯރިއާ އެކު "ހަގީގީ ދިވެހިވަންތަކަން" ފެންނާން ފަށާފައިވާކަމަށް މިހާރު ގިނަ މީހުން ގަބޫލުކުރެ އެވެ.

ޑިސެމްބަރު 23، 2015، ޓްރެވެންޑްރަމް، އިންޑިއާ: ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިންޑިއާގެ ޓްރިވެންޑްރަމަށް އައުމުން، ގައުމީ ޓީމަށް ދިވެހީން ހޫނު މަރުހަބާއެއް ކިޔުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދިވެހިންގެ މެދުގައި ސިޔާސީ ގޮތުން ކިތަންމެ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުއްޓަސް ދިވެހިން އެކުވެރި ކުރުވާ އެއްބައިވަންތަ ކުރުވަނީ ދިވެހި ގައުމީ ޓީމެވެ. މިއަދު ޓްރިވެންޑުރަމްގައި ވަނީ އެކަން ހާމަކޮށްދީފަ އެވެ.
މެޗް ބެލުމަށްޓަކައި އެކި ހިސާބުތަކުގައި ދިރިއުޅޭ ދިވެހިން ގުރޫޕްތައް ހަދައިގެން ދަނޑަށް އައިސް ދިވެހިން ވަނީ ދިވެހި ޓީމަށް ސަޕޯޓްކޮށްފަ އެވެ. ބައްދަލުވީމާ ހާލު އަހާ ނުލެވޭ ދިވެހިންގެ މުއާމަލާތް ދިވެހި ގައުމީ ޓީމާ އެކު ވަނީ ދިރިގެންގޮސްފަ އެވެ. ދިވެހިންނަށް ޝުކުރިއްޔާ އެވެ. ދިވެހި ގައުމީޓީމަށް އައްސެރިބަހާއި ސާބަހެވެ.

ޑިސެމްބަރު، 24، 2015: އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ ސާފް ސުޒުކީ ކަޕުގައި ބޫޓާނާ ދެކޮޅަށް ދިވެހި ރާއްޖެ ކުޅުނު މެޗަށްފަހު، ގައުމީ ޓީމުގެ ކުޅުންތެރީން ދިވެހި ސަޕޯޓަރުންނާ ސަލާމްކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ