އާ އަހަރާއި ދިމާކޮށް މާލެއާއި މާލެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމު ކުރުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ކުރުމަށް މިއަދު ފަށަނީ އެވެ.

ފުލުހުން ބުނީ އެ މަސައްކަތް މިއަދު ހަވީރު 6:00އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަަމަށެވެ.

ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުން ކުރިއަށް ގެންދާ އެ ހަރަކާތުގައި ދަންވަރުގެ ވަގުތު ތަކުގައި ބޭނުމެެއް ނެތި މަގުތަކުގައި އުޅޭ މީހުންނާ ސުވާލުކޮށް ބަލައި ފާސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މާލެ ތެރެ ޕެޓްރޯލް ކުރުން އިތުރުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އައު ދިމާކޮށް ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަަކާއި ގުޅޭގޮތުން މަޢުލޫމާތު ސީއޯސީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއެކު ސީއޯސީގެ ޑެޕިއުޓީ ހެޑް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އެ ހަރަކާތުގެ ތެރެއިން، ކުށުގެ އަމަލުތައް ހުށައެޅޭ ސަރަހައްދުތައް އިތުރަށް ބަލައި ފާސްކޮށް އެ ސަރަހައްދުތައް ބެލެހެއްޓުމާއި އެ ސަރަހައްދުތަކުގެ ރައްކާތެރިކަން ގާއިމު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައްވެސް އިތުރު ކުރާނެ ކަމަށެވެ.

"ކަނޑުމަތިން އުޅަނދުތައް ބަލައި ފާސްކުރުމާއި، މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ފެރީ ޓާމިނަލްތައް ހުއްޓުމެއް ނެތި ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ" ފުލުހުން ބުންޏެވެ.

ހަމައެހެންމެ ޓީ ޖެޓީ ސަރަހައްދަށްވެސް ހާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.