ޑޮލަރު އެކްސްޖޭންޖް ކުރާ ރޭޓަށް ސަރުކާރުން ގެނައި ކުއްލި ބަދަލާ އެކު ދިވެހި ރުފިޔާ އިން އެއާ ޓިކެޓް ވިއްކާ އަގުތައް އުފުލެން ފަށައިފި އެވެ.

އިންޑިއަން އެއާލައިންސް އާއި މެލޭޝިއަން އެއާލައިންސްގެ ޑިކެޓް ފުޅާދާއިރާއެއްގައި ވިއްކާ ވިލާ ޓްރެވަލްސްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސަރުކާރުން ޑޮލަރު ގަނެ ވިއްކާ އަގު 10.28ރ.އާއި 15.42ރ. އާ ދެމެދަށް ހުޅުވާލުމުން އިއްޔެ އިން ފެށިގެން އެ ކުންފުނިން ޑޮލަރު ރޭޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15.42ރ. ކަމަށެވެ.
އެހެންކަމުން ކުރިން 3700.8ރ. އަށް ވިއްކި އިންޑިއަން އެއާލައިންސްގެ މާލެ ޓްރިވެންޑްރަމްގެ ދެކޮޅު ޓިކެޓެއް މިހާރު ލިބެނީ 740.16ރ. ބޮޑުކޮށް، 4440.96ރ. އަށެވެ.

"އަޅުގަނޑުމެންނަށް މަޖުބޫރުވީ އެ ރޭޓްގައި ބެންކުތަކުގެ އަގުތައް ވެސް ހުރުމާ އެކު އެގޮތަށް ހަމަޖައްސަން،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ވިލާ އިން ބުނީ ޑޮލަރުން ފައިސާ ދައްކާ ނަމަ ޓިކެޓްގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
އިއްޔެ އިން ފެށިގެން ޓިކެޓްގެ އަގުތައް ބޮޑުތަނުން އުފުލިފައިވާ އިރު ގެލެކްސީ އިން ވަނީ ޑޮލަރުގެ ތާށިކަމާ ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ޓިކެޓް ވިއްކުން މިދިޔަ ހަފުތާ އިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ރާއްޖޭގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރުގެ ވިޔަފާރިކުރާ މައްސަލަ ހައްލުކުރުމަށް ފުލުހުން އޮޕަރޭޝަނެއް ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭ ސަރުކާރުން ވަނީ 12.85ރ. އަށް ވުރެ 20 ޕަސަންޓު ބޮޑުކޮށް އަދި އެއަށް ވުރެ 20 ޕަސަންޓު ކުޑަކޮށް ޑޮލަރު ވިއްކުމުގެ ހުއްދަ ދީފަ އެވެ. އެ ނިންމުމާ ގުޅިގެން ގިނަ ބޭންކުތަކުން ވެސް ޑޮލަރު ވިއްކަނީ 12.85 އަށް ވުރެ ބޮޑުކޮށެވެ.