ގދ. ތިނަދޫގައި މިއުޒިއަމް ޕާކަކާއި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްގީ ކުރުމަށް ސަރުކާރުގެ ފަރާތުން އެމްޓީސީސީއާއި އެމްއާރުޑީސީ އަށް މިއަދު ހަވާލުކޮށްފި އެވެ.

އެ ދެ މަޝްރޫގެ ދަށުން ތިނަދޫގައި ޕާކަކާއި ފަންވާރަކާއި މިއުޒިއަމެއްގެ އިތުރުން އިންޑޯ ކުޅިވަރުތައް ކުޅެވޭ ސްޕޯޓް އޭރިއާއެއް އެރަށުގައި ތަރައްގީކުރާނެ އެވެ.

އެ ދެމަޝްރޫގެ ތެރެއިން މިއުޒިއަމް ޕާކްގެ މަސައްކަތް ކުރިއަށްގެންދަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްގެނެވެ. ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްގެންދަނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން އެމްޓީސީސީއާ އެމްއާރްޑީސީއާ ހަވާލުކޮށްގެނެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަދި ޔޫތު މިނިސްޓަރު ޒުހޫރު އެގްރީމެންޓެއްގައި ސޮއިކުރައްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިއަދު ބޭއްވި ބައްދަލުވުމެއްގައި ސަރުކާރުގެ ފަރާތުން އެ ޕްރޮޖެކްޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޔޫތު މިނިސްޓްރު އަހުމަދު ޒުހޫރު އެވެ. އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު ސޮއިކުރެއްވި އިރު އެމްއާރުޑީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ރިޔާޒެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަދި ހައުސިން މިނިސްޓަރު އެއްބަސްވުން ބަދަލުކުރައްވަނީ --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތިނަދޫގައި ހަދާ ޕާކާއި މިއުޒިއަމް އަދި ފަންވާރުގެ މަސައްކަތަކީ ގާތްގަނޑަކަށް 25 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މަސައްކަތަކަށްވާތީ އެ މަސައްކަތަށް ސީދާ ހަރަދުވާނެ އަދަދެއް މިވަގުތު ބުނަން ދަތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު ޒުހޫރު ވިދާޅުވީ ޒުވާނުންގެ ތަރައްގީއަށް ރައީސް ޔާމީންގެ ސީދާ އިސްނެންގެވުމުގެ މަތިން އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ސޮއިކުރި މަޝްރޫއަކީ އެފަދަ މަޝްރޫއެއް ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެފަދަ ޕްރޮޖެކްޓްތައް ހިންގާނެ ކަމަށެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ އަހުމަދު ޝަރުވާން

އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ގިނަ މަސައްކަތްތަކެއް އިތުބާރާ އެކު ހަވާލުކުރަމުން އަންނަ އިރު އެފަދަ ޕްރޮޖެކްޓްތައް، ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމައަށް ނިންމާލާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ފަރާތުން ސަރުކާރަށް އަރުވާ ކަމަށެވެ.

މިއަދު ހަވާލުކުރި ދެ ޕްރޮޖެކްޓް 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ތިނަދޫގައި މިހާރުވެސް އަންނަނީ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުން ނެވެ.