ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.

ހައިކޯޓުގެ ތާވަލުގައިވާ ގޮތުން އެ މައްސަލަ އޮއްނާނީ އާދިއްތަ ދުވަހުގެ މެންދުރު 13:00 ޖަހާއިރު އެވެ. ހައިކޯޓުގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާޠުން ވަނީ ސިއްރު ލިއުމެއް ހުށަހަޅައިފަ އެވެ.

ޝަރީއަތުގެ މަޖިލީސް ސިއްރުކޮށްގެން ނަމަވެސް އެ ލިޔުން ނާޒިމް އަދި އޭނާގެ ވަކީލުންނާ ހިއްސާކުރުމަށް އޭނާގެ ފަރާތުން ވަނީ އެދިފަ އެވެ. ދައުލަތުން ވެސް ވިދާޅުވީ ނާޒިމްގެ ވަކީލުންނާ ލިއުން ހިއްސާކުރުމަށް ދެކޮޅު ނުހަދާ ކަމަށެވެ. އެކަމާ ގުޅިގެން އިސްފަނޑިޔާރު ވިދާޅުވީ ލިޔުން ބެލުމަށް ފަހު ޝަރީއަތުގައި ލިޔުން ބޭނުން ކުރާ ނަމަ ހިއްސާކުރެވެން އޮތް މިންވަރަކުން ނާޒިމާ ލިޔުން ހިއްސާކުރައްވާނެ ކަމަށެވެ.

ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި، ހުކުމްކޮށްފައި ވަނީ ފިސްތޯލައަކީ ނާޒިމްގެ އެއްޗެއް ކަމާ މެދު ގިނަ ޝައްކުތަކެއް އުފެދިފައި ވަނިކޮށް ކަމަށް އެދުވަހުގެ ޝަރީއަތުގައި ނާޒިމްގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ހެކިބަސްދީފައިވާތީ އެވެ.