Last Updated:
10 year 11 month ago

ބޫޓާން އަތުން 3-1 ލަނޑުން މޮޅުވެ ރާއްޖެ ފެށުން ރަނގަޅުކޮށްފި

  • ޓްރިވެންޑްރަމުން އަހްމަދު މުޖްތަބާ، ހުސައިން ހަބީބު
ބުލޮގު ޚުލާސާ

ރާއްޖެ އާއި ބޫޓާން ބައްދަލު ކުރާ މިއީ ހަތް ވަނަ ފަހަރު. އެއްވެސް ފަހަރަކު ބޫޓާނަށް ރާއްޖެ ބަލި ކުރެވިފައެއް ނުވޭ. އެންމެ ފަހުން ކުޅުނު ސާފު ޗެމްޕިއަންޝިޕްގައި ބޫޓާނާން ކޮޅަށް ރާއްޖެއިން ވަނީ 2-8 ލަނޑު ޖަހާފައި. ވޯލްޑްކަޕް ކޮލިފައިންގައި މިއަހަރު ބޫޓާނާ ބައްދަލު ކުރި މެޗުގެ ނަތީޖާއަކީ 3-4.

އަޙްމަދު މުޖްތަބާ

ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބުނު މެޗުގައި 3-1 ލަނޑުން ބޫޓާން ބަލިކޮށް ސާފް ސުޒުކީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ދިވެހި ގައުމީ ފުޓްބޯޅަ ޓީމް ފެށުން ރަނގަޅުކޮށްފި އެވެ.

މިއަދުގެ މެޗުގެ މެޗަށް ގައުމީ ކޯޗް ރިކީ ހާބަޓް، ނަގާފައިވާ ރާއްޖޭ ޓީމުގެ ފުރަތަމަ 11ގައި ކުޅުންތެރީން ހިމަނާފައި ވަނީ، ޒުވާން ކުޅުންތެރީންނާއި ތަޖްރިބާ ކާރު ކުޅުންތެރީން 50-50 ވާގޮތަށެވެ.

ފުރަތަމަ ހާފްގެ ކުޅުން ބޫޓާނުން ކިކްއޮފް ކުރިތާ މާކަ ގިނައިރުތަކެއް ނުވެ، ރާއްޖޭ ޓީމުގެ މުޙައްމަދު ހަމްޒާ (ހަމްޕު)އަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް ލިބި، ވަނީ ބޭކާރުވެފައެވެ. ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭން ދަގަނޑޭ ވަރަށް ރީތިކޮށް ދިން ޕާހެއް، ހަމްޕުއަށް ގޯލްތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.

މެޗުގައި ރާއްޖޭ ޓީމަށް ބޫޓާންގެ ގޯލް ހުޅުވާލަދިނީ، މެޗުގެ 9 ވަނަ މިނިޓްގައި ޒުވާން ފޯވާޑް އަހްމަދު އިމާޒް (އާއްކޮ) އެވެ. ދަގޭ ވަރަށް ރީތިކޮށް އާއްކޮއަށް ދިން ބޯޅަ، ބޫޓާން އޭރިޔާތެރޭން ވަރަށް ރީތިކޮށް އާއްކޮ ވަނީ ގޯލްތެރެއަށް ފޮނުވާލައި މެޗުގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ލީޑް ހޯދައިދީފައެވެ.

ރާއްޖެ ލަނޑުޖެހިތާ 10 މިނިޓް ފަހުން ބޫޓާން ވަނީ، މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ރާއްޖޭގެ ޑިފެންސް ލައިނަަށް ހެދުނު ބައެއް ގޯސްތަކުގެ ފައިދާ ނަގައި، ބޫޓާން މެޗުގެ ނަތީޖާ ހަމަހަމަކުރީ، 19 ވަނަ މިނިޓްގައި އެޓީމުގެ ޝެރީން ޖޯޑީ ކާމިޔާބުކުރި ލަނޑުންނެވެ.

ބޫޓާންގެ އެ ލަނޑަށް ފަހުވެސް އެޓީމު ކުޅުންތެރީން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މިއަދުގެ މެޗުގައި ރާއްޖޭ ކުޅުންތެރީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، ހަމްޕުއާއި ދަގޭގެ ކުޅުން ވަކީން ހާއްސަކޮށް ފާހަގަކޮށްލެވެއެވެ.

މެޗުގައި ރާއްޖޭ ޓީމަށް ދެވަނަ ފަހަރަށް ކުރި ހޯދައި ދިނީ، ފޯވާޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމެއް އާއްކޮ ވަރަށް ރީތިކޮށް ގޯލް ކުރިމައްޗަށް ހުރަސް ކޮށްލުމުން އޭރިޔާތެރޭގައި ހުރެ އަސައްކޮ އެ ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ ފުންނާބުން ޖަހައެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު ތެރޭގައި ބޫޓާންގެ ޑިފެންޑަރުން ކައިރިން ނައްޓާފައި ބޯޅަ ހިފައިގެން ދަގަނޑޭ އެޓީމުގެ ގޯލް އޭރިޔާތެރޭން އަސަދުﷲ އަށް ދިން ބޯޅަ އަސައްކޮ ފޮނުވާލުމުން އެޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ވަނީ ކޯނަރަކަށް ބޭރުވެފައެވެ. އަދި ފުރަތަމަ ހާފް ނިމުނީ 2-1 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފަށައިގެން 6 ވަނަ މިނިޓްގައި ރާއްޖެއަށް ނަތީޖާ ފުޅާކުރާނޭ ރަނގަޅު ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް، ދަގަނޑޭ ބޫޓާން އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލަށް ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރުވީ އެވެ.

އޭގެ ހަތަރު ވަރަކަށް މިނިޓް ފަހުން އަނެއްކާވެސް ލަނޑު ޖަހާނޭ ފުރުސަތެއް ރާއްޖެއަށް ލިބުނެވެ. ބޫޓާންގެ ކީޕަރު ބޯޅަ ހޯދަން ޕެނަލްޓީ އޭރިޔާ ބޭރަށް ނުކުތްވަގުތު ބޯޅަ ލިބުނީ، އަސައްކޮއަށެވެ. އެހެން ނަމަވެސް ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވާލަން އަސައްކޮއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މެޗުގެ 65 ވަނަ މިނިޓްގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރާނޭ ފުރުސަތެއް ބޫޓާނަށް ލިބުނެވެ. އެޓީމުގެ ކަރްމާ ޝެޑްރަޕް، ބޯޅަ ހިފައިގެން ރާއްޖޭގެ ދެ ޑިފެންޑަރުން ބީޓްކޮށްފައި އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން އަތުގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު، އެޓީމުގެ އިތުރު ކުޅުންތެރިއަކު ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތްކުރި ނަމަވެސް ބޯޅަ ދިޔައީ ގޯލްގެ އަރިމަތީން ބޭރަށެވެ.

ރާއްޖޭގެ ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ދަގަނޑޭއެވެ. ދަގޭ އެ ލަނޑު ކާމިޔާބުކުރީ، ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅަ ހޯދައިގެން ވަރަށް ރީތިކޮށް އެޓީމުގެ ތިން ކުޅުންތެރީން ބީޓްކޮށްފައި، ޕެނަލްޓީއޭރިޔާގެ ބޭރުން ރޮނގު ކައިރީ ހުރެ ވަރަށް ރީތިކޮށް ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ 78 ވަނަ މިނިޓްގައި ރާއްޖޭ ޓީމުން ބަދަލެއް ގެނައެވެ. މިއަދުގެ މެޗުގައި ރާއްޖޭ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އާއްކޮގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ނާޝިދު (ނާއްޓޭ) އެވެ. އަދި އޭގެ 10 ވަރަކަށް މިނިޓް ފަހުން ކޯޗް ރިކީ ހާބަޓް ވަނީ އިތުރު ބަދަލެއްވެސް ގެނެސްފައެވެ. އެގޮތުން މެޗުގެ ރާއްޖެއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިން އަސައްކޮގެ ބަދަލުގައި ކުޅެން އެރުވީ، ޒުވާން ފޯވާޑް އަންސާރު އިބްރާހީމެވެ.

މިއަދުގެ މެޗު ބަލާލުމަށް ގާތްގަނޑަކަށް 2000 ވަރަކަށް ދިވެހީން ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމަށް ވަދެފައި ވާއިރު، އޭގެތެރެއިން ގިނަ މީހުންނަށް، ހިލޭ ޓިކެޓް ފޯރުކޮށްދިނީ، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ފަރާތުންނެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ބަނގުލަދޭޝްއާ ދެކޮޅަށެވެ. ގްރޫޕް ބީގައި މިއަދު ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާނާއި ބަނގުލަދޭޝް އެވެ.

16:55

މެޗު ނިމިއްޖެ.

ލަނޑު ޖެހުމަށްފަހު އަޝްފާގު އުފާ ފާޅު ކުރަނީ-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
16:52

އަންސާރު ބޫޓާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަހިފައިގެން ވަދެ، ރާއްޖޭ ކުޅުންތެރިއަކަށް ބޯޅަ ދެވޭތޯ މައްސަކަތްކުރި. އެހެން ނަމަވެސް ބޯޅަ ލިބުނީ ބޫޓާން ކުޅުންތެރީންނަށް.

16:51

މެޗުގެ ފުރިހަމަ ވަގުތު ކުޅުން ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.

16:51

ބޫޓާނަށް ކޯނަރެއް.

16:47

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 3 މިނިޓް. ރާއްޖޭ ޓީމުން ބަދަލެއް. އަސަދުﷲ ގެ ބަދަލުގައި ކުޅެން އެރުވީ، އަންޞާރު އިބްރާހީމް.

16:44

ދަގަނޑޭ ބޯޅަ ހިފައިގެން ބޫޓާން އޭރިޔާ ތެރެއަށް ވަންނަނިކޮށް އެޓީމުގެ ޖިގްމޭ ޑޯރޖީ ދަގޭއަށް ފައުލް ކުރުމުން ރާއްޖެއަށް ހިލޭ ޖެހުމެއް. އެ ކުޅުންތެރިޔާއަށް ރީނދޫ ކާޑެއް.

16:42

ބޫޓާން ގޯލަށް އަނެއްކާވެސް ދަގޭގެ ނުރައްކާތެރި ހަމަލާއެއް. ބޫޓާން ހާފް މެދެއްހާ ހިސާބުން ބޯޅަ ހޯދައިގެން އައިސް އެޓީމުބެ ޮެޕެނަލްޓީ އޭރިޔާ ރޮނގު ކައިރީ ހުރެ ފޮނުވާލި ބޯޅަ ކީޕަރުގެ ފައިގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ޑިފެންޑަރުން ބޯޅަ ފޮނުވާލީ.

16:41

ފީފާ ރޭންކިންގައި ބޫޓާން މިހާރު އޮތީ 188 ވަނައިގަ. ބޫޓާން އެންމެ ފަހުން ކުޅުނު އިންޓަނޭޝަނަލް އަށް މެޗްގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވޭ. އެޓީމު އެންމެ ފަހުން މޮޅުވީ ވޯލްޑްކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ލަންކާއަތުން 2-1 ގެ ނަތީޖއަކުން. އެއީ ބޫޓާންގެ ތާރީޚްގައި ފާހަގަ ކުރެވޭ މެޗެއް. އެގައުމުން ސިފަ ކުރާ ގޮތުގައި އެމެޗަކީ އެގައުމުގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔަ މެޗެއް. އޭގެ ފަހުން ކުޅުނު އަށް މެޗްގައި އެޓީމުކޮޅަށް ވަނީ 50 ގޯލް ވަދެފައި.

16:37

ރާއްޖޭ ޓީމުން ބަދަލެއް. އާއްކޮގެ ބަދަލުގައި ކުޅެން އެރީ އަހްމަދު ނާޝިދު (ނާއްޓެ).

16:33

ބޫޓާން ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅަ ހޯދައިގެން ވަރަށް ރީތިކޮށް އެޓީމުގެ ތިން ކުޅުންތެރީން ބީޓްކޮށްފައި، ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ ވަރަށް ރީތިކޮށް ގޯލްތެރެއަށް ފޮނުވާލައިގެން ދަގޭ ކާމިޔާބުކުރި ލަނޑެއް.

ސާފް ސުޒުކީ ކަޕުގައި އަޝްފާގު ލަނޑު ޖެހުމަށްފަހު ކޯޗާއެކު އުފާފާޅު ކުރަނީ-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
16:30

ރާާއްޖެ 3 ވަނަ ލަނޑު ޖަހައިފި. ލަނޑު ޖެހީ ކެޕްޓަން ދަގަނޑޭ.

16:27

ބޫޓާންގެ ހަމަލާއެއް. އެޓީމުގެ ކަރްމާ، ބޯޅަ ހިފައިގެން ރާއްޖޭގެ ދެ ޑިފެންޑަރުން ބީޓްކޮށްފައި އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން އަތުގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު، އެޓީމުގެ އިތުރު ކުޅުންތެރިއަކު ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތްކުރީ. އެހެން ނަމަވެސް ބޯޅަ ދިޔައީ ގޯލްގެ އަރިމަތީން ބޭރަށް.

16:23

ދިވެހި ސަޕޯޓަރުން ދަނީ މެދުކެނޑުމެއް ނެތި ޓީމަށް ހިތްވަރުދެމުން.

16:21

ދަގަނޑޭ ބޯޅަ ހޯދައިގެން ބޫޓާން އޭރިޔާތެރެއަށް ވަދެ ބޯޅަ ފޮނުވާލަން މަސައްކަތްކުރި، އެހެން ނަމަވެސް ބޯޅަ ދިޔައީ ބޭރަށް. ގޯލްކުރިމަތީން ބޫޓާނަށް ޖެހުމެއް.

16:20

ބޫޓާން އޭރިޔާ ތެރޭން، ހަމްޕު ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއް ނުވި.

16:17

ބޫޓާންގެ ކީޕަރު ބޯޅަ ހޯދާން ޕެނަލްޓީ އޭރިޔާ ބޭރަށް ނުކުތްވަގުތު ބޯޅަ ލިބުނީ، އަސައްކޮއަށް، އެހެން ނަމަވެސް ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވާލެވޭގޮތެއް ނުވި. ބޫޓާން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބޯޅަ ދިޔައީ ބޭރަށް.

16:16

ބޫޓާންގެ ގޯލްގެ ޕެނަލްޓީއޭރިޔާ ބޭރުން އަރިމަތިން، ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ހުރަސްކޮށްލި ބޯޅަ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި އަސައްކޮ ބޮލުން ވަރަށް ރީއްޗަށް ފޮނުވާލި. އެހެން ނަމަވެސް ބޯޅަ ދިޔައީ ހުރަސް ދަނޑިމަތީން ބޭރަށް.

16:14

ބޫޓާންގެ ކަރްމާ ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު އިންމަ ދިފާއުކޮށް ބޭރުކޮށްލީ.

16:13

ދަގަނޑޭ ބޫޓާން އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ގޯލަށް ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

16:11

ބޫޓާން އޭރިޔާތެރެއަށް އަޑޭ ހުރަސްކޮށްލި ބޯޅަ ރާއްޖޭ ކުޅުންތެރިއަކަށް ނުލިބުނު، އެހެން ނަމަވެސް ފަހުން ބޯޅަ ހޯދައިގެން އާއްކޮ ބޫޓާން އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

16:10

ބޫޓާޏް ހާފްގެ މެދުތެރޭން ރާއްޖެއަށް ހިލޭ ޖެހުމެއް. ޖެހުން ކުރިއަށް ފޮނުވާލަނީ ބަކާ.

16:07

ދެވަނަ ހާފްގެ ކުޅުން ފަށައިފި. ކިކްއޮފްކުރީ ރާއްޖޭ ޓީމުން.

16:05

ދެވަނަ ހާފްގެ ކުޅުން ފެށުމަށް ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.

16:04

އެއީ ވޯލްޑްކަޕް ކޮލިފައިންގެ އޭޝިއާޒޯންގެ ގުރޫޕް 'ސީ' ގައި ބޫޓާންއަތުން. އެމެޗްގައި ރާއްޖެ ހަތަރު ލަނޑު ޖެހިއިރު ރާއްޖޭގެ ތިން ލަނޑުޖަހައި ހެޓިރިކް ހެދީ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ).

16:02

ރާއްޖެ ހިމެނެނީ ފީފާ ރޭންކިންގެ 160 ވަނައިގައި. ރާއްޖެ އެންމެފަހުން ކުޅުނު ބައިނަލްއަގުވާމީ ހަ މެޗްގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުން.

15:58

މި މުބާރާތުގައި ރާއްޖެއާ ބޫޓާންގެ އިތުރުން ދެން ގުރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަފުޣާނިސްތާނާއި ބަނގުލަދޭޝް.

15:50

ފުރަތަމަ ހާފް ނިމިއްޖެ. ރާއްޖެ 2، ބޫޓާން 1.

15:46

ފުރަތަމަ ހާފްގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެއްޖެ. އިތުރު ވަގުތުގެ 2 މިނިޓް.

15:43

ބޫޓާންގެ ޑިފެންޑަރުން ކައިރިން ނައްޓާފައި ބޯޅަ ހިފައިގެން ދަގަނޑޭ އެޓީމުގެ ގޯލް އޭރިޔާތެރޭން އަސަދުﷲ އަށް ދިން ބޯޅަ އަސައްކޮ ފޮނުވާލުމުން އެޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ކޯނަރަކަށް ބޭރު.

15:36

ދިވެހި ސަޕޯޓަރުން ދަނީ މެދުކެނޑުމެއް ނެތި ސަޕޯޓުކުރަމުން. ގާތްގަނޑަކަށް 2000 އާ ގާތްކުރާ އަދަދަކަށް ސަޕޯޓަރުން ތިބޭނެ ކަމަށް ބެލެވެނީ.

15:36

ރާއްޖޭ ޓީމުން އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް. އެހެން ނަމަވެސް ބޫޓާން ކުޅުންތެރީން ބޯޅަ ދިފާއުކުރީ.

15:34

ބޫޓާން ނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމެއް އާއްކޮ ވަރަށް ރީތިކޮށް ގޯލް ކުރިމައްޗަށް ހުރަސް ކޮށްލުމުން އޭރިޔާތެރޭގައި ހުރެއް އަސަދުﷲ ފުންނާބުން ޖަހައި ބޯޅަ ގޯލްތެރެއަށް ފޮނުވާލީ.

15:33

ރާއްޖެ އަނެއްކާ ވެސް ލަނޑު ޖަހައިފި. ލަނޑު ޖެހީ އަސައްކޮ

15:32

ބޯޅަ ހޯދާން އުޅުމުގެ ތެރޭގައި ބޫޓާން ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި، ހަމްޕު މިވަނީ ވެއްޓިފައި. ދަނޑުމަތީގައި އޭނާއަށް ފަރުވާ ދެމުން މިހާރު ގެންދަނީ. ސީރިއަސް އަނިޔާއެއް ކަމަކަށް ނުބެލެވޭ.

15:31

އަސަދުﷲ ބޯޅަ ހޯދައިގެން އެކަނި ބޫޓާންގެ އޭރިޔާތެރެއަށް ވަދެ، ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

15:29

ބޫޓާންގެ ދެ ޑިފެންޑަރުން ކައިރިން ކަޓުވާލާފައި އެ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭން ދަގަނޑޭ ގޯލަށް ފޮނުވާލި ބާރު ޝޮޓް ކީޕަރު މަތަކޮށް ފޮނުވާލުމުން ލިބުނީ އާއްކޮއަށް. އެހެން ނަމަވެސް އާއްކޮށް ފޮނުވާލި ބޯޅަ ގޯލް ރޮނގުމަތީން އެޓީމު ކުޅުންތެރީން ދިފާއުކުރީ.

15:28

ހަމްޕު ވަރަށް ރީތިކޮށް ބޫޓާން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، އޭރިޔާ ތެރޭގައި ހުރި އާއްކޮއަށް ލިބޭ ގޮތެއް ނުވި.

15:26

ބޫޓާންގެ ހަމަލާއެއް އަނެއްކާ ވެސް. އެޓީމުގެ ޗެންޗޯ ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލް ހުރަސް ދަނޑި މަތިން ބޭރު.

15:22

ބޫޓާން ލަނޑު ޖަހައިފި. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ޝެރީން ޑޯޖީ

15:21

ބޫޓާން ކުޅުންތެރީން ރާއްޖޭ ގޯލަށް ހަމަލާއެއް ފޮނުވާލެވޭތޯ މަސައްކަތްކުރީ. އެހެން ނަމަވެސް ރާއްޖޭގެ ޑިފެންޑަރުން ބޯޅަ ހޯދައި، ބޫޓާން ހާފުތެެރެއަށް ފޮނުވާލީ.

15:16

ރާއްޖޭ ޓީމުގެ ކުޅުންތެރިއަކު، ރާއްޖޭ ހާފްތެރޭން ގޯލްކީޕަރު އިމްރާނަށް ޖައްސާލި ބޯޅަ އިންމައަށް ލިބުމުގެ ކުރީން ލިބުނީ، ބޫޓާން ކުޅުންތެރިއަކަށް. އެހެން ނަމަވެސް އެ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ގޯލް ރޮނގު ކައިރިން ރާއްޖޭގެ ޑިފެންޑަރު ޝާ ވަނީ ބޯޅަ ކްލިއަކޮށްލާަފައި.

15:14

އަނެއްކާވެސް ރާއްޖޭ ޓީމުގެ ހަމަލާއެއް. ހަމްޕު ބޫޓާން އޭރިޔާ ބޭރުން އޭރިޔާ ތެރޭގައި ހުރި ދަގޭއަށް ދިން ބޯޅަ ދަގޭ ހޯދަން އުޅުމުގެ ތެރޭގައި ފައުލުކުރިކަމަށް ބުނެ، ރެފްރީ މިވަނީ ބޫޓާނަށް ޖެހުމެއް ދީފައި.

15:11

ދަގޭ ވަރަށް ރީތިކޮށް އަހްމަދު އިމާޒް (އާއްކ)ޮއަށް ފޮނުވާލި ބޯޅަ ބޫޓާން އޭރިޔާތެރޭން ވަރަށް ރީތިކޮށް އާއްކޮ ވަނީ ގޯލްތެރެއަށް ފޮނުވާލާފައި.

15:11

ރާއްޖެ ލަނޑު ޖަހައިފި. ލަނޑު ޖަހައި ދިނީ އާއްކޮ

15:10

ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލް ކީޕަރުގެ އަތަށް.

15:09

ބޫޓާން ޕެނަލްޓީ އޭރިޔާގެ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް. ޖެހުން ކުރިއަށް ފޮނުވާލަނީ ދަގަނޑޭ.

15:06

މެޗު ފެށައިގެން މިހާތަނަށް އައި އިރު ރާއްޖޭ ޓީމުން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދަނީ. އަދި ބޫޓާނުގެ ޑިފެންޑަރުންނަށް ޕްރެޝަރު ކުރަމުން ދަނީ.

15:04

ރާއްޖޭ ޓީމަށް ލަނޑު ޖަހާނޭ ވަރަށް ރަނގަޅު ފުރުސަތެއް. ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭން ދަގަނޑޭ ވަރަށް ރީތިކޮށް ދިން ޕާހެއް، ހަމްޕުއަށް ގޯލްތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވި.

15:04

ރާއްޖޭ ޓީމަށް ލަނޑު ޖަހާނޭ ވަރަށް ރަނގަޅު ފުރުސަތެއް. ބޫޓާން ޕެނަލްޓީ އޭރިޔާ ތެރޭން ދަގަނޑޭ ވަރަށް ރީތިކޮށް ދިން ޕާހެއް، ހަމްޕުއަށް ގޯލްތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވި.

14:58

މެޗު ފަށައިފި. ކިކްއޯފް ކުރީ ބޫޓާން

14:58

ރާއްޖެއާ ދެކޮޅަށް ބޫޓާނުން ނެރޭ ފުރަތަމަ 11:

  • ހަރީ ގުރަންގް -ގކ-

  • ޗިމީ ޑޯޖީ
  • ޖިމީ ޝެރިން ޑޯޖީ
  • ކަރުމާ ޝެޑްރަޕް ޝެރިން
  • ކަރުން ގުރުންގް –ކ-
  • ދިވާޝް ޝުބާ
  • ދާވާ ގައިލްސްޓަން
  • ޗެންޗޯ ގިއަލްސްޓަން
  • ބިރެން ބާސްނެޓް
  • ޝެރިން ޑޯޖީ
  • ކަރުމާ ނިޑަޕް
14:57

މިހާރު ބޫޓާންގެ ގައުމީ ސަލާމް.

14:54

މިހާރު ކުރިއަށްދަނީ ރާއްޖޭގެ ގައުމީ ސަލާމް.

ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ގައުމީ ސަލާމަށް ތައްޔާރު ވަނީ
14:46

ބޫޓާނާ ދެކޮޅަށް ނެރޭ ރާއްޖޭ ޓީމުގެ ފުރަތަމަ 11:

  • އަހުމަދު އިމާޒް (އާއްކޮ)

  • އަމްދާން އަލީ (އެންޑީ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ)
  • އިމްރާން މުހައްމަދު – - ގކ -
  • ސަމްދޫހް މުހައްމަދު
  • ޝާފިއު އަހުމަދު
  • އަހުމަދު އަބްދުﷲ (ލިލީ)
  • އަސްހަދު އަލީ (އަޑޭ)
  • މުހައްމަދު ހަމްޒާ (ހަމްޕު)
  • އަލީ އަޝްފާގް(ދަގަނޑޭ) –- ކ -
  • މުޙައްމަދު އާރިފް (ބަކާ)
14:44

ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމަށް ވިދާޅުވެފައި ވަނީ، ދިވެހީންނަށް ޓިކެޓް ހިލޭ ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބުރަ މަސައްކަތެއް ކުރެއްވި ކަމަށް. އަދި މިއަދު، 1000 އަށް ވުރެ ގިނަ ޓިކެޓް އެކި ފަރާތްތަކުގެ އެހީއާ އެކު ހޯއްދެވުމަށް ފަހު، ކޮންސިއުލޭޓުން ދިވެހީންނަށް ފޯރުކޮށްދެމުން ދާކަމަށް.

ސަޕޯޓަރުން ދަނީ ދަނޑަށް ވަންނަމުން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ
14:43

މިއަދުގެ މެޗަށް ދިވެހި ސަޕޯޓަރުން ވަނީ، ވަރަށް ދުރާލައި ތައްޔާރުވާން ފަށާފައި. އެހެން ނަމަވެސް، ޓިކެޓް ހޯދުމުގައި ދަތިތަކެއް ދިމާވުމުން ގިނަމީހުން ދަނޑަށް އައުން ލަސްވެދާނޭ ކަމަށް ބެލެވޭ.

14:42

މެޗު ފަށަން 20 ވަރަކަށް މިނިޓަށް ވެފައި ވާއިރު، ސްޓޭޑިއަމުން ފެންނަނީ ވަރަށް މަދު އަދަދެއްގެ ސަޕޯޓަރުން.

14:32

Football History of Maldives and Bhutan

Football history of Maldives and Bhutan. Bhutan never won against Maldives. But they are improving by decreasing the number of goals. Read more sun.mv/saff2015/ #SaffSuzukiCup

Posted bysun.mvon 24 December 2015

" />

މިއަދަކީ ޓްރިވެންޑްރަމަށް މޫސުން ރަނގަޅު ދުވަހެއް. އެހެން ނަމަވެސް ވަރަށް ހޫނު ގަދަ. ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިވަގުތު ވައިގެ ތެތްކަން ހުރީ، %62ގައި. ފިނިހޫނުމިން، 31 ޑިގްރީ ސެލްސިއަސް.

14:28

ދެޓީމުގެ ކުޅުންތެރީން ވެސް މިހާރު ދަނޑަށް އަތުވެއްޖެ.