24 Dec 2015, 14:16
ކާނިވާ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގައި ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ ސަރަހައްދުން ނަގާ އެފަދަ އުޅަނދުތައް ތިލަ ފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ވެސް މިއަދު ފަށާނެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ކާނިވާ ސަރަހައްދުން ނަގާ އުޅަނދުތަކުގެ ތެރޭގައި މީސްމީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި ނުކޮށް ހުރި އުޅަނދުތައް ވެސް ތިލަ ފުއްޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.
ކާނިވާ ސަރަހައްދުން ނަގާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތައް ގަވާއިދުގެ މަތިން ނައްތާލުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންނާއި، ހައުސިންގް މިނިސްޓްރީ އަދި ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ގުޅިގެންނެވެ.