ކަޅުވަކަރު މިސްކިތް ހުޅުމާލެ އަށް ބަދަލު ކުރަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރާ ފުރަތަމަ މަސައްކަތަކީ އެ މިސްކިތުގެ މަސައްކަތް ކަމުގައި ހެދުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރީން ބުނީ މިއީ އިސްލާމީ ހަލޯރާތުން ވެސް ފެންނަން އޮތް ގޮތަކީ ރަަށެއްގައި އެންމެ ފުރަތަމަ އަޅާ އިމާރާތަކީ މިސްކިތެއް ކަމަށެވެ.

އަދި ހުޅުމާލޭ ފުރަތަމަ ފޭސްގައި ވެސް ފުރަތަމަ ބިނާ ކުރީ މިސްކިތެއް ކަމުގައި ވުމުން، ދެވަނަ ފޭސްގެ ފުރަތަމަ ބިނާ އަކީ ވެސް މިސްކިތަކަށް ވުމަކީ ރަނގަޅު ފެށުމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސަލްޓަން ޕާކް ގޯތި ތެރޭގައި ހުރި މިސްކިތް ހުޅުމާލޭގައި ބިނާކުރުމަށް ނިންމާފައިވާ އާސާރީ ވިލެޖުގެ ތެރޭގައި ހިމެނުމަށް އެ މިސްކިތް ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ ޑިޕާޓްމެންޓް އޮފް ހެރިޓޭޖާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އަދި ހައުސިންގް މިނިސްޓްރީގެ އިތުރުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.

އެ މަސައްކަތުގައި ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާނީ ސްޕެޝަލިސްޓް އިން އާކިޓެކްޗަރަލް ހެރިޓޭޖް، މައުރޫފް ޖަމީލެވެ.

ކަޅުވަކަރު މިސްކިތް --

ހެރިޓޭޖުން ކުރާނެ މަސައްކަތްތައް:

- މިހާތަނަށް ޑޮކިއުމެންޓް ކުރެވިފައިވާ ކުރެހުމާއި ރެކޯޑްސް ފަދަ ތަކެތި އަތްމަތި ކުރުން

- މިސްކިތުގެ ފުރިހަމަ ޑޮކިއުމެންޓޭޝަން، ފޮޓޯ އަދި ވީޑިއޯ ހެދުމުގައި އެހީތެރިވުމާއި ބައިވެރިވުން

- ރޫޅާލެވޭ ބައިތައް ސާފުކޮށް، މަރާމާތެއް ކުރަން ޖެހޭ ނަމަ މަރާމާތުކޮށް ޕެކް ކުރުން

- ރޫޅާލެވޭ ބައިތައް ރައްކާތެރިކަމާ އެކު ބެލެހެއްޓޭނެ އަދި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން

- މަސައްކަތް ހިނގާ ނުހިނގާ ގޮތް ސުޕަވައިޒްކޮށް މޮނިޓާ ކުރުން

- އިދާރީ އިންތިޒާމްތައް ހަމަޖެއްސުން

އެމްއެންޑީއެފް އިން ކުރަން ހަމަޖެހިފައިވާ މަސައްކަތް:

- މިސްކިތް މިހާރު ހުރިގޮތުގެ ކުރެހުންތައް ތައްޔާރު ކުރުން

- މިސްކިތް ރޫޅުން

- މިސްކިތުގެ ބައިތައް ނަންބަރު ޖަހާ ޕެކް ކުރުން

- މިސްކިތުގެ ބައިތައް ހުޅުމާލެ ސައިޓަށް ގެންދިއުން

- މިސްކިތް ހުޅުމާލޭގައި ރޭވުން

- މަސައްކަތް ހިނގަމުންދާ ގޮތުގެ ޑޮކިއުމެންޓޭޝަން ތައްޔާރު ކުރުން

ހައުސިން މިނިސްޓްރީން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް:

- މިސްކިތް ބަދަލު ކުރުމަށް ހިނގާނެ ހަރަދު ހަމަޖެއްސުން

- މިސްކިތް ރޫޅުމުގެ ކުރިން އަޅަންޖެހޭ ވަގުތީ ފުރާޅު އެޅުން

- މިސްކިތުގެ ގޯތި ތެރޭ ސަރަހައްދު ވަށައިގެން ބަންދު ކުރުން

- ސަލްޓަން ޕާކް ތެރޭގައި މިސްކިތުގެ ބައިތައް ވަގުތީ ގޮތުން ބެހެއްޓޭނެ ތަޅުލެވޭ ފަދަ ގުދަނެއް ހެދުން

- މިސްކިތް ބަދަލު ކުރުމުގައި އެއްގަމާއި ކަނޑުމަގުން ކުރަން ޖެހޭ ދަތުރުފަތުރު ހަމަޖެއްސުން

- މަސައްކަތް ހިނގާނުހިނގާ ގޮތް ސުޕަވައިޒްކޮށް މޮނިޓަރކުރުން

އިސްލާމިކް މިނިސްޓްރީން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް:

- މަސައްކަތް ހިނގާނުހިނގާ ގޮތް ސުޕަވައިޒްކޮށް މޮނިޓާ ކުރުން

- އާންމުން ހޭލުންތެރިކުރުވުން

އެޗްޑީސީން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް:

- ހުޅުމާލޭގައި މިސްކިތް ބިނާކުރާނެ ޖާގަ ހަމަޖެއްސުން

- މަސައްކަތް ހަލުވި ސްޕީޑެއްގައި ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން

- މިސްކިތް ރާވާ ނިމުމުން މިސްކިތް ބެލެހެއްޓުމާއި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސުން

ކޮންސަލްޓަންޓް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް:

- ކޮންސަލްޓަންޓް ތައްޔާރުކޮށްފައިވާ ރިޕޯޓާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމުގައި ފަންނީ އެހީތެރިކަން ދިނުން

- މަސައްކަތްތައް ރޭވުމުގައި ފަންނީ ލަފަޔާއި އިރުޝާދު ދިނުން

- މަސައްކަތް ހިނގާނުހިނގާ ގޮތް ގާތުން ބެލުން

މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި މަސައްކަތަށް ނިންމުމަށް ހަ މަސް ދުވަސް ހޭދަވާނެ އެވެ. އަދި މިސްކިތަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި މިސްކިތް ހުޅުމާލެއަށް ބަދަލު ކުރި ނަމަވެސް، މިސްކިތުގައި ނަމާދު ކުރެވޭނެ ކަމަށާއި އިމާމުންވެސް މިސްކިތުގައި ތިއްބަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހެރިޓޭޖުން ބުނީ އާސާރީ މިސްކިތެއް ބަދަލު ކުރުމަކީ އެ ޑިޕާޓްމަންޓުން ތަރުހީބު ދޭ ކަމެއް ނޫން ނަމަވެސް އެ މިސްކިތަކީ ދެ ފަހަރެއްގެ މަތިން ބަދަލު ކުރެވިފައިވާ މިސްކިތެއް ކަމަށެވެ.

މި މަސައްކަތް ކުރުމުގައި ބިދޭސީން ބައިވެރި ނުކުރާނެ ކަމަށާއި، މިސްކިތް ބަދަލު ކުރުމުގައި ހަރަކާތްތެރި ވާނީ މުޅިންވެސް ދިވެހިން ކަމަށް ހެރިޓޭޖުން ބުނެ އެވެ.

ކަޅުވަކަރު މިސްކިތް ބިނާ ކުރެއްވީ ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތޯނު ހަސަން ނޫރައްދީނު އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު އެވެ.

އެ މިސްކިތް ފުރަތަަ ހުރީ މަޖީދީމަގު، ގަލޮޅު ސްޓޭޑިއަމް ކުރިމަތީން ހީނާމާ ޕާކީން އާ ޖެހިގެންނެވެ. ނަމަވެސް ކުރީގެ ރައީސް އިބްރީހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ބޭރު މީހަކަށް ވިއްްކާލުމުން އެ މިސްކިތް ހުރީ ފުރަނަފުށީގަ އެވެ. އެ މިސްކިތް މިހާރު ހުރި ތަނަށް ބަދަލު ކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.