ރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެ އަށް އެހީތެރިވުމަށް އިންޑިއާ އިން ފޮނުވި މަނަވަރު އައިއެންއެސް ގޯދާވަރީ ބޭނުން ކުރުން ހުއްޓާލައިފި އެވެ.

އިންޑިއާ އިން އަމިއްލައަށް ފަރުމާކޮށްގެން އުފެއްދި ފުރަތަމަ މަނަވަރުކަމަށްވާ އައިއެންއެސް ގޯދާވަރީ ޑިކޮމިޝަން ކުރީ އެގައުމުގެ ވިޔަފާރީގެ މަރުކަޒީރަށް މުމްބާއީގައި އިއްޔެ ކަމަށް ނޫސްތަކުން ބުންޏެވެ.

ގޯދާވަރީ ބަންނަން ފެށީ 1978 ވަނަ އަހަރު އެވެ. އެ މަނަވަރު ބަނީ މަޒާގަން ޑޮކް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ މަނަވަރު ބަނދެ ނިމުނީ 1980 ވަނަ އަހަރު އެވެ. އަދި އިންޑިއާގެ ކަނޑުގެ ސިފައިންގެ އަސްކަރީ މަސައްކަތްތަކުގައި އެ މަނަވަރު ބޭނުންކުރަން ފެށީ 1983 ވަނަ އަހަރު އެވެ.

ގޯދާވަރީ ބޭނުންކުރުން ހުއްޓައިލުމަށް ފަހު އެ އުޅަނދު ނައްތައިލަން ހަމަޖެހިފައި ވަނީ ތަމްރީނުތަކެއްގައި އަމާޒުފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް، ކަނޑަށް ފައްތާލައިގެންނެވެ.