ކޮޕީ ރައިޓާ ބެހޭ ގާނޫނަށް ހޭލުންތެރި ކުރުވުމަށް ސުއޫދު އަންވަރު އެންޑް ކޯ އިން ހިލޭ ސެމިނާރެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ސުއޫދު އަންވަރު އެންޑް ކޯގެ އެއް ހިއްސާދާރު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ވިލާ ކޮލެޖުގެ ހޯލްގައި ފެށުމަށް ހަމަޖެހިފައިވާ ސެމިނާރު ހާއްސަކޮށްފައި ވަނީ ނޫސްވެރިންނާއި ފޮޓޯގްރާފަރުންނާއި ސޮފްޓްވެއާ ހަދާ މީހުންނާއި ފިލްމު ފަދަ ތަކެތި ހަދާ މީހުންނަށް ކަމަށެވެ. އަދި އެ ލޯ ފާމާ ގުޅުމުން ސެމިނާރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ލިބޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"ހަމަ ހިލޭ އަޅުގަނޑުމެން މި ސެމިނާރު މި ބާއްވަނީ. ކޮޕީ ރައިޓާ ބެހޭ ގާނޫނަށް މި މަހުގެ 21 އަށް އަމަލު ކުރަން ފަށާނެ. އެހެންވެ އަޅުގަނޑުމެން ބޭނުން ވަނީ މި ގާނޫނާ ގުޅޭ ހުރިހާ ފަރާތްތަކަށް މި ގާނޫނަށް ހޭލުންތެރި ކުރުވުން،" މަޝްހޫރު ގާނޫނީ ވަކީލު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ ގާނޫނަށް އަމަލު ކުރަން ފެށުމުން ވަރަށް ބޮޑު އިމްޕެކްޓެއް އަންނާނެ ކަމަށެވެ. އެގޮތުން ގާނޫނަށް އަމަލު ކުރަން ފެށުމުން ކޮޕީ ރާގު، ފޮޓޯ އަދި ފިލްމު ފަދަ ތަކެތި ނުހެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ސުއޫދު އަންވަރު އެންޑް ކޯ އިން ވަނީ ހިލޭ ސާބަހަށް ބައެއް ހިދުމަތްތައް ދީފަ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މާލީ ތަނަވަސްކަން ނެތް މީހުންނަށް ހިލޭ ގާނޫނީ ލަފާ ދިނުމަށް ވެސް ވަނީ ފަށައިފަ އެވެ.